ކޯޓުން ބޭރުގައި މައްސަލަތަކުގެ ވާހަކަދައްކާތީ މެޖިސްޓްރޭޓަކު ސަސްޕެންޑްކޮށްފި
ކޯޓުން ބޭރުގައި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަދައްކާތީ ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު މުހައްމަދު އިބްރާހީމް ސަސްޕެންޑްކޮށްފިއެވެ. ޖުޑިޝަލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާނުކުރާކަމާއި، މައްސަލަތަކުގެ ޙުކުމާއި، މައްސަލަތަކުގެ ރިޕޯޓު ތައްޔާރުނުކުރާތީ، ކޯޓަށް ހުށަހެޅޭ މައްސަލަތައް ގިނަދުވަސްވެ އެ މައްސަލަތަކަށް އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް އިހުމާލުވެފައިވާ ކަމަށެވެ. އަދި ކޯޓުގެ ވާހަކަތަކާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ ކޯޓުން ބޭރުގައި އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ދައްކާކަން އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ. މީގެ އިތުރުން ޖޭއެސްސީން ބުނީ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްގެ މި އަމަލުތަކަކީ، ރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފަށް ކޮށްފައިވާ އަމަލުތަކެއް ކަމަށެވެ. އެހެންކަމުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން، މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް މިއަދުން ފެށިގެން ދެ ހަފުތާ (14 ދުވަސް) ގެ މުއްދަތަށް އޭނާ ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރަން ޖޭއެސްސީއިން މިމަހުގެ އެއްވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ. މީގެ ކުރިން މިދިޔަ އަހަރު މުޙައްމަދު އިބްރާހީމް ވަނީ އެއް މަސް ދުވަހަށް ސަސްޕެންޑުކޮށްފައެވެ. އެ ފަހަރު ޖޭއެސްސީން ބުނީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއް، މުހައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާތީ އެ މައްސަލައިން ތަނާޒުލުވުމުމަށްފަހު، އެމައްސަލާގައި ދަޢުވާ ލިބޭ ފަރާތުގެ ވަކީލުންނަށް ފޮނުވާފައިވާ ކޯޓު އަމުރުތަކުގައި ސޮއިކޮށްފައިވަނީ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްކަމާއި، އަމުރުތަކުގައި ސޮއިކުރުމަށް އެ މައްސަލައާ ހަވާލުވެހުރި މެޖިސްޓްރޭޓް އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ކައިރީ އެދިފައި ނުވާނެކަމަށެވެ. އެފަހަރުވެސް އޭނާގެ އެ އަމަލުތަކަކީ، ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގާއި ޚިލާފަށް ކޮށްފައިވާ އަމަލަކަށް ވާތީ، މުސާރައާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް ވަނީ އެއް މަސް ދުވަހަށް ސަސްޕެންޑުކޮށްފައެވެ. މި މައްސަލައިގެ އިތުރުން ވެސް މި ފަހުން ވަނީ ވަރިވާން އެދި ކޯޓަށް ދިޔަ އަންހެނަކަށް ގުޅިކަމުގެ ތުހުމަތު ކުރެވިފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ