2024 ވަނަ އަހަރު ޗައިނާގެ ހިލޭ އެހީގެ ދަށުން ފަށާނެ ކަމަށް ބުނި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ލަސްވެގެން 2027 ގެ ކުރީކޮޅު ލަސްވެގެން ފެށޭނެ ކަމަށް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ ދަ ޕަލްސް ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ފެށުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް މި އަހަރު ފަހުކޮޅު ނުވަތަ ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ ކަމަށެވެ.
"ފަންޑިން ސެކުއާޑް. ޕްރޮޖެކްޓް ސެކުއާޑް. މަސައްކަތް އަމަލީ މަރުހަލާއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތް އެ ކުރަނީ މިހާރު. ދެން އިރާދަކުރެއްވިއްޔާ އެ މަރުހަލާވެސް އެބަ އާދޭ. އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ ހަމަ އުންމީދު މިކުރެވެނީ މި އަހަރު ނިމެންވާއިރަށް ނޫނީ މި އަންނަ އަހަރު ކުރީކޮޅު އެންމެ ލަސްވެގެން ފެށޭނެހެން،" މުއިއްޒު ވިދާޅުވި އެވެ.
2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވީ ޗައިނާގެ ހިލޭ އެހީގެ ދަށުން މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު އެ އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
"މާލޭގެ މަގުތައް ރަނގަޅު ފެންވަރުގައި ހެދުމުގެ މަސައްކަތް މި އަހަރު އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. މި މަޝްރޫއަށް ހިނގާނެ ހަރަދުގެ ބޮޑުބައި ޗައިނާގެ ހިލޭއެހީގެ ދަށުން ހަމަޖެހިގެންދާނެ،" 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް ހަމަ 2024 ގައި މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ އެ މަޝްރޫއު 2025 ގައި ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. މި މަޝްރޫއު ނުފެށި ދިގުލައިގެންދާއިރު، މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ސަރުކާރުން ގިނަ ތާރީހުތަކެއް މިހާތަނަށް ދީފައިވާކަން ފާހަގަކުރެވެ އެވެ.
ދަ ޕަލްސް ޕްރޮގްރާމްގައި މުއިއްޒު އިތުރަށް ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނީ ބޮޑެތި މަގުތަކުން ކަމަށެވެ. މަޝްރޫއު ފެށުމަށްފަހު ހުއްޓާނުލައި ގޮސް މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް ހަދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ފެށިގެންދާއިރުގައި އެންމެ ބޮޑެތި މަގުތަކުގައި އަމަލީ މަސައްކަތް ފެށޭނީ. ދެން ހަމަ ދެން ހުރި ހުރިހާ މަގެއް މާލެ އާއި ވިލިމާލޭގައި ހެދިގެންދާނެ. އެހެންވީމަ މާލޭގެ ރައްޔިތުންނަށް އަޅުގަނޑު ވީ އެންމެ ބޮޑު އެއް ވައުދު ފުއްދުމުގެ އަމަލީ މަސައްކަތް މި ފެށެނީ. ފެށިގެން ދެން ނިމޭނީ އެއްކޮށް މަސައްކަތް،" މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ނުފެށި ދިގުލައިގެންދަނީ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއަކަށްވާތީ ފުރިހަމަކުރަން ޖެހޭ ކަންކަން ހުރުމުން ކަމަށެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި ތަރައްގީނުކޮށް ގިނަދުވަސްވުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކެއް ތަކުރާރުކޮށް ދަނީ ކުރިމަތިވަމުންނެވެ. މި މައްސަލަތައް ހައްލުކުރަން ހިންގާ މަޝްރޫއުގެ އަގު 100 އެތައް މިލިއަން ޑޮލަރަކަށް އަރާނެ ކަމަށް ސަރުކާރުން އޮތީ ކުރިން ހާމަކޮށްފަ އެވެ.
އެ މަޝްރޫއު ކުރިއަށްގެންދާނީ ޗައިނާގެ ހިލޭ އެހީގައި ކަމަށް މުހައްމަދު މުއިއްޒު ހާމަކުރެއްވީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ތެރޭގަ އެވެ.
މި މަޝްރޫއުގެ ފީސަބިލިޓީ ބެލުމަށް ޓީމެއް ރާއްޖެ އައީ ނޮވެމްބަރު 2024، ގަ އެވެ. އެ ދިރާސާ ހަމަ އެ މަހުގެ ތެރޭގައި ނިމިފައިވާކަން ސަރުކާރުން އޮތީ ހާމަކޮށްފަ އެވެ. އޭގެ ފަހުންވެސް ޗައިނާގެ ޓީމެއް މިހާރު ރާއްޖެ އައިސް މާލޭގެ މަގުތައް ދަނީ ސާވޭކުރަމުންނެވެ.
2024 ގައި ފަށާނެ ކަމަށް ބުނި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު 2027 ގައި ފަށާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ