އެންމެ ބޮޑު ޕަވާ ޕްލާންޓު މައްސަލަ ޖެހި، ލަންކާއިން ކަރަންޓު ކަނޑަން ފަށައިފި

ސްރީލަންކާގެ އެންމެ ބޮޑު ޕަވާ ޕްލާންޓު ކަމުގައިވާ ލަކްވިޖަޔަ ޕަވާ ސްޓޭޝަންގެ ޖެނެރޭޓަރެއްގައި އަލިފާން ރޯވުމުގެ ސަބަބުން، އެ ޖެނެރޭޓަރު މަރާމާތު ކުރަމުން ދާތީ މުޅި ލަންކާއިން ވަކި ވަގުތުތަކެއްގައި ކަރަންޓު ކެނޑުމަށް ނިންމައިފިއެވެ. ލަންކާގެ ޕުއްތަލަމްގައި ހުންނަ ލަކްވިޖަޔަ ޕަވާ ސްޓޭޝަނުގެ ޖެނެރޭޓަރެއްގައި ރޯވީ، އެ ޕްލާންޓުގައި ވޯޓާ ވޭޕާ ނުވަތަ އާވި ހިފަހައްޓާ ހޮޅިއެއްގައި ގޮވުމެެއް ގޮވުމުގެ ސަބަބުންނެވެ. މުޅި ސްރީލަންކާއަށް ވެސް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެނީ އެއް ވިއުގައެއްގެ ދަށުންނެވެ. އެހެންކަމުން، ޕަވާ ސްޓޭޝަނަށް ދިމާވި މައްސަލައާ ގުޅިގެން ލަންކާގެ ހުރިހާ ސަރަހައްދަކަށް ވެސް އެކަމުގެ އަސަރު ކުރާނެއެވެ. ސްރީލަންކާގެ މިނިސްޓްރީ އޮފް ޕަވާ އެންޑް ރިނިއުބަލް އެނާޖީން ބުނާ ގޮތުން، ލަކްވިޖަޔަ ޕަވާ ސްޓޭޝަންއަށް ދިމާވި މައްސަލަ ހައްލު ކުރެވެންދެން، ލަންކާގެ ކޮލޮމްބޯ ފިޔަވާ އެހެން ހުރިހާ ސަރަހައްދަކަށް ވަކި ވަގުތުތަކެއްގައި ކަރަންޓު ކެނޑުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ކޮލޮމްބޯ ފިޔަވާ އެހެން ސަރަހައްދުތަކުން، ދުވާލުގެ ވަގުތު ދެ ގަޑިއިރާއި 30 މިނިޓަށް، އަދި ރޭގަނޑު އެއް ގަޑިއިރަށް ކަރަންޓު ކެނޑިގެން ދާނެ ކަމަށް ލަންކާގެ މިނިސްޓްރީ އޮފް ޕަވާ އެންޑް ރިނިއުބަލް އެނާޖީއިން ބުނެއެވެ. ސިލޯން އިލެކްޓްރިސިޓީ ބޯޑުން ބުނާ ގޮތުން، މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެއް ކަމުން، ކޮންމެ ދުވަހަކު 42 މިލިޔަން ޔުނިޓުގެ ކަރަންޓު ބޭނުން ކުރަމުންދާ ކަމަށެވެ. ލަންކާގައި ކަރަންޓު އުފެއްދުމުގައި ތެލާއި ދެލި އެންދުން ހިމެނޭ އިރު، ރިނިއުބަލް އެނާޖީގެ ބާވަތްތައް ކަމުގައިވާ، ހައިޑްރޯ ޕަވާ ޕްލާންޓުތަކާއި، އިރުގެ ހޫނުގެ އިތުރުން ވިންޑް ފާމްތަކުން ވެސް ލަންކާގައި ކަރަންޓު އުފައްދައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ