އޮސްޓްރޭލިއާގެ މަޖިލީހުން؛ މީޑިއާ ފެންޑާ އާއި ޑިމޮކްރަސީގެ ދަތުރު

ގިނަ ގައުމުތަކުގެ ޕާލިއަމެންޓްގައި މީޑިއާ ފެންޑާ ހުރެ އެވެ. ޕްރެސް ކޮންފަރެންސްތަކާއި ހާއްސަ އިންޓަވިއުތައް އޮންނާނީ އެ ތަނުގަ އެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މީޑިއާ ޔުނިޓެއް ހެދުމުގެ ވާހަކަ ދޭތެރެއަކުން ދައްކަ އެވެ.
ރިޔާސީ ނިޒާމެއް އޮންނަ ރާއްޖޭގައި ވެރިކަމުގެ މައި ތަނބަކީ ރައީސް އޮފީހެވެ. ސަރުކާރު ކެބިނެޓްގެ ބައްދަލުވުންތަކުން ފެށިގެން އެގްޒެކެޓިވް ބާރުގެ ގިނަ ނިންމުން އަންނަނީ އެ ތަނުންނެވެ. އެ ތަނަށް ހާއްސަ މީޑިއާ ފެންޑާއެއް ހެދީ އިހަށް ދުވަހު އެވެ. ރައީސް މުހައްމަދު މުއިއްޒު މީޑިއާ ފެންޑާއެއްގެ ގޮތުގައި ދެއްކެވި ތަނަކީ، ރައީސް އޮފީހުގެ ބޭރުގައި ކުރިމައްޗަށް އޮންނަ ޕާކުގައި ހަދާފައި ހުރި ސިޑިބަރިއެކެވެ.
ބޮޑަށް ބެލެވެނީ ކެބިނެޓް ބައްދަލުވުންތައް އޮންނަ ދުވަސްތަކުގައި، މިނިސްޓަރުންނާއި ބައެއް ފަހަރު ރައީސް ނުކުންނަވަން ދެން އިިންޓަވިއުއެއް ހޯދަން ބައެއް ނޫސްވެރިން ގޮސް ރައީސް އޮފީހުގެ ކުރިމަތީގައި އިންތިޒާރުގައި ތިބޭތީ އިށީނދެލާނެ ތަންކޮޅެއް ދެއްކީ ކަމަށެވެ.
ރައީސް މުއިއްޒު އާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް އާއި މީޑިއާގެ މެންޑޭޓު ހަވާލުކޮށްފައިވާ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވަޑައިގެން އެ ފެންޑާ އިފްތިތާހު ވެސް ކުރެއްވި އެވެ. ބައެއް ނޫސްވެރިން ގެންގޮސް، އެ ތަނުގައި ބައިތިއްބައި ރައީސް މުއިއްޒު ފޮޓޯއެއް ވެސް ނެންގެވި އެވެ.
އެކަމަކު ބައެއް ނޫސްވެރިންނަށް އެ ކަން ވީ ނޫސްވެރިންނަށް ކުރި މަލާމާތަކަށެވެ. ސޯޝަލް މީޑިއާގައި ގިނަ ނޫސްވެރިން އެ ޝުއޫރު ފާޅު ވެސް ކުރި އެވެ. މި ލިޔުމުގެ ބޭނުމަކީ ރާއްޖެ އާއި އޮސްޓްރޭލިއާގެ މީޑިއާ ފެންޑާއާ އަޅައިބެލުމެއް ނޫނެވެ. އެކަމަކު ރާއްޖޭން މިފަދަ މަންޒަރުތައް ފެނުމަށް ފަހު އޮސްޓްރޭލިއާއިން ފެނުނު މަންޒަރުތައް ލިޔުމަށް ތިރިކޮށްލުމެވެ.
އެއް ކަމަކަށް އޮސްޓްރޭލިއާ ޕާލިއަމެންްޓްގެ މީޑިއާ ފެންޑާއަކީ ދުނިޔޭގައި ވެސް އެ ގޮތަށް ހުރި ހަމައެކަނި ފެންޑާ އެވެ. ޕާލިއަމެންޓްގެ ތެރޭގައި ކޮންމެ މީޑިއާ ސްޓޭޝަނަކަށާއި ނޫހަކަށް ހެން މަސައްކަތް ކުރާނެ އޮފީސް ޖާގަ ދޫކޮށްފައިވެ އެވެ.
ޕާލިއަމެންޓަށް ހާއްސަ ނޫސްވެރިންނާއި، ސަރުކާރުގެ ކެބިނެޓަށް ހާއްސަކޮށްފައިވާ ނޫސްވެރިން މަސައްކަތްކުރަން ދާނީ އެ އޮފީސް ޖާގަ އެވެ. މަޖިލިސް މެންބަރުންނާއި ސަރުކާރުގެ މިނިސްޓަރުން މީޑިއާތަކަށް މައުލޫމާތު ދިނުމާއި، ޕީއާރު ހިންގުމާއި ގުޅުން ބަދަހިކުރުމާއި ވަކިވަކި މީޑިއާތަކަށް އިންޓަވިއު ދިނުން ހިނގަނީ ވެސް ސީދާ މަޖިލީހުގެ ތެރެއިންނެވެ. 
ގާތްގަނޑަކަށް 30 މީޑިއާ ސްޓޭޝަނަކަށް އޮފީސް ޖާގަ މަޖިލީހުގެ ތެރޭގައި ހަމަޖައްސާފައިވެ އެވެ. ސަރުކާރުގެ ހާއްސަ ފަންޑަކުން ހިންގާ އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (އޭބީސީ)ގެ ގާތްގަނޑަކަށް 30 ނޫސްވެރިން މަސައްކަތްކުރާނެ ޖާގަ އާއި މަޖިލީހާ ގުޅުން ހުރި ޓީވީ ޕްރޮގްރާމްތަކާއި ރޭޑިއޯ ޕްރޮގްރާމްތައް ހިންގާނެ ސްޓޫޑިއޯ ޖާގަ ވެސް ދޫކޮށްފައިވެ އެވެ.
މަޖިލީހުގެ އިދާރީ ކަންކަން ހިންގަނީ ޕާލިއަމެންޓް ޑިޕާޓްމަންޓުންނެވެ. މީޑިއާގެ ކަންކަން  ބެލެހެއްޓުމަށް މީޑިއާތަކުން އިންތިހާބުކުރާ، ނޫސްވެރިން ތިބޭ ވަކި ކޮމިޓީއެއް އޮވެ އެވެ. ޕާލިއަމެންޓަށް ވަނުމުގެ ހުއްދަ އޮންނަ ނޫސްވެރިން ކަނޑައެޅުމާއި ނޫސްވެރިންނަށް ދިޔުމުގެ ހުއްދަ ހުރި ތަންތަން ފިޔަވައި އެހެން ތަނަކަށް ނޫސްވެރިއަކު ދޭތޯ މި ކަންކަން ބެލުން އޮންނަނީ މި ކޮމިޓީ އާއި ޕާލިއަމެންޓް ޑިޕާޓްމަންޓަށެވެ. ސަރުކާރުގެ ދައުރެއް މިއަކު ނޯވެ އެވެ.
ނަތީޖާއަކީ މީޑިއާއަށް ސަރުކާރާއި މަޖިލިސް ޖަވާބުދާރީކުރުމުގެ ފުޅާ ޖާގައެއް ލިބުމެވެ. ކެބިނެޓް ބައްދަލުވުންތަކާއި ޕާޓީ ޕާލިމެންޓްރީ ގްރޫޕުގެ ކޮންމެ ބައްދަލުވުމަކަށް މީޑިއާ ނުވެއްދި ނަމަވެސް ކެބިނެޓް ހޫނުވާ ފަހަރަކު މީޑިއާއަށް އެނގޭނެ އެވެ. ޕާލިމެންޓްރީ ގްރޫޕުގެ ކޮޓަރި ތެރޭގައި ބައްދަލުވުން އޮންނަ ފަހަރުތަކުގައި، ބައްދަލުވުމެއް ހޫނުވިއަސް އެނގެ އެވެ. އެފަދަ ފަހަރުތަކުގައި ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބުދެއްވަން ސިޔާސީ ބޭފުޅުންނަށް މަޖުބޫރުވެ އެވެ. ސުވާލުކުރަން ކުރިމައްޗަށް އަރަން ސިޔާސީން ތިބޭނީ އަތުޖެހޭހާ ކައިރީގަ އެވެ.
އޮސްޓްރޭލިއާ ޕާލިއަމެންޓްގެ މީޑިއާ ފެންޑާގެ ހިޔާލު އުފަންވީ ކިހިނެއް ހެއްޔެވެ؟ މިއީ ކާކު އޮސްޓްރޭލިއާ ވުޖޫދުކުރި ސަގާފަތެއް ހެއްޔެވެ؟ 
މީޑިއާ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމަކަށް އޮސްޓްރޭލިއާއަށް ގޮސް ތިބި ނޫސްވެރިންގެ ހިތުގައި މި ސުވާލުތައް އުފެދިގެން ޕާލިއަމެންޓްގެ ޓުއާ ގައިޑާއި ޑިމޮކްރެސީ މިއުޒިއަމްގެ ޓުއާ ގައިޑު ކައިރީގައި ކޮށްލީމެވެ.
އެ މީހުންގެ ޖަވާބުތަކުންނާއި ލިބެން ހުރި މައުލޫމާތުތަކުން ވެސް އެނގުނު ގޮތުގައި މިއީ ސިޔާސީ ބައެއްގެ ހިކުމަތްތެރި ވިސްނުމެއް އޮވެގެން އައި ކަމެއް ނޫނެވެ.
އޮސްޓްރޭލިއާގެ ވެރިރަށް ކެންބެރާއަކީ ކުރިން މީހުން ދިރިއުޅުނު އަވަށެއް ނޫނެވެ. އޮސްޓްރޭލިއާ އުފެދުނު އެންމެ ތަރައްގީވެފައިވާ ދެ ސިޓީ ކަމަށްވާ ސިޑްނީ އާއި މެލްބޯންގެ ވާދަވެރިކަމުގެ ސަބަބުން ނިންމީ ވެރިރަށަށް ވަކި ސިޓީއެއް ތަރައްގީކުރުމަށެވެ.
ކެންބެރާގައި ޕާލިއަމެންޓް އެޅެންދެން މެލްބޯންގައި އަހަރުތަކެއް ވަންދެން މައި ޕާލިއަމެންޓް ހިންގުމަށް ފަހު، ކެންބެރާއަށް މައި ޕާލިއަމެންޓް ގެންދިޔަ ދުވަސްވަރު އެ ތަނުގައި އެ ވެރަކަށް އިމާރާތްތަކެއް ވެސް ނެތެވެ. މީޑިއާތަކުން މަސައްކަތްކުރަން އޮފީސް ޖާގައެއް ކުއްޔަށް ހިފޭނެ ގޮތެއް ވެސް ނުފެނުނެވެ.
ޕާލިއަމެންޓްގެ އެތެރެއިިން އޮފީސް ޖާގަތަކެއް ހަމަޖެއްސުމަކީ ހަގީގަތުގައި އެ ވަގުތު އޮތް ތާށިކަމަކަށް ދައްކައިދިން ލޮޖިސްޓިކް ހައްލެކެވެ. އެކަމަކު މިއަދު އެއީ އޮސްޓްރޭލިއާގެ ސިޔާސީ ސަގާފަތެކެވެ. އެ ސަގާފަތް 1900ގެ އަހަރުތަކުން ފެށިގެން ދެމިގެން އައި ގޮތް ރަނގަޅަށް ވެސް އިހުސާސްވީ މިހާރުގެ ޕާލިއަމެންޓްގެ މީޑިއާ ފެންޑާގެ އެއްކައިރިން ފެނުނު ބޮޑު ވަޒީރުގެ އިއުލާންތައް ބަހައްޓަން ހާއްސަކޮށްފައިވާ ނޯޓިސް ބޯޑުންނެވެ.
ޑިޖިޓަލް ޒަމާން އައިސް ހޭނެންދެން ބޮޑުވަޒީރުގެ އިއުލާންތައް ގެނެސް ބަހައްޓަނީ އެ ބޯޑުގަ އެވެ. އާ އިއުލާނެއް ގެނެސް ތަތްކުރާ ވަގުތު ރަނގަބީލު ޖަހައި، ލައުޑް ސްޕީކަރުން ގޮވާ ހެދި ކަމަށް ވެސް ވެ އެވެ. މިހާރު ވެސް އެ ބޯޑު އެ ތަނުގައި ތާރީހީ ރަމްޒެއްގެ ގޮތަށް ބަހައްޓާފައި ހުއްޓެވެ. އެންމެ ފަހުން 2007ގައި ތަތްކުރި އިއުލާނާ އެކު އެވެ. އެއީ ބޮޑުވަޒީރުގެ ޕްރެސް ކޮންފެރެންސްއެއް އޮތް ކަން އެންގުމަށް ނެރުނު އިއުލާނެކެވެ.
މިއުޒިއަމް ފޮ އޮސްޓްރޭލިއަން ޑިމޮކްރެސީ ހިންގަނީ ޕާލިއަމެންޓް ހިންގި ކުރީގެ އިމާރާތުގަ އެވެ. މިހާރު ޕާލިއަމެންޓް ހިންގާ އިމާރާތް 1988ގައި ބޭނުންކުރަން ފެށި ފަހުން ވެސް ކުރީގެ އިމާރާތް ބޭނުންކުރަމުން ދިޔައީ އޮސްޓްރޭލިއާގެ ޑިމޮކްރެސީގެ ދަތުރު، ޒިޔާރަތްކުރާ މީހުންނަށާއި ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ކިޔައިދޭ ތަނެއް ގޮތަށެވެ. ރަސްމީކޮށް މިއުޒިއަމެއްގެ ގޮތުގައި އެ ތަން ހަމަޖެހުނީ 2009ގަ އެވެ.
މިއުޒިމަށް ކުރި ޒިޔާރަތުގައި ހަގީގަތުގައި ވެސް ޑިމޮކްރެސީއަށް އޮސްޓްރޭލިއާ ކުރި ދަތުރު ފެނުނެވެ. ޕްރެފެންޝަލް ވޯޓިން ނިޒާމެއް ގެނައީ ވޯޓުލާ މީހުންނަށް ގިނަ އިހުތިޔާރުތައް ދޭންވެގެންނެވެ. އެއަށް ވުރެ ބޮޑަށް ލިބުނު ފިލާވަޅަކީ މަޖިލީހުން ރަބަރު ސްޓޭމްޕް ޖެހުމުގެ ސަގާފަތެއް އައުމުން ނިޒާމު ހަރުދަނާ ކުރުމަށް އޮސްޓްރޭލިއާއިން ކުރި މަސައްކަތެވެ.
ރާއްޖޭގައި ވެސް ރަބަރު ސްޓޭމްޕަކީ މިހާރު ދެކެ ފަރިތަ ވާހަކައެކެވެ. ސަރުކާރަށް ފާރަވެރިވާން އޮތް ފަށަލަ، ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ ރަބަރު ސްޓޭމްޕެކެވެ. ސަރުކާރުން ފޮނުވާ ގޮތަކަށް ތައްގަނޑު ޖަހަން އޮތް ތަނެކެވެ. މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ލިބެނީ ސަރުކާރު ހިންގާ ޕާޓީއަށެވެ. ފަހަރަކަށް ފަހު ފަހަރެއް ސަރުކާރަށް ލިބޭ މެޖޯރިޓީ ވެސް ދަނީ ބޮޑުވަމުންނެވެ.
އޮސްޓްރޭލިއާގައި މި ކަން މާ ކުރިން ތަޖުރިބާކުރަން ޖެހުނެވެ. ބަރުލަމާނީ ނިޒާމެއްގެ ވެރިކަން ހިންގާ އޮސްޓްރޭލިއާގައި ސަރުކާރަށް ފާރަވެރިވުމުގެ ފަށަލައަކީ ޕާލިއަމެންޓްގެ މަތިގެ އެވެ. މަޖިލީހުގެ މެޖޯރިޓީ ލިބޭ ޕާޓީއަށް ސަރުކާރު ލިބޭ ގޮތަށް އޮންނާތީ ކޮންމެ ގޮތެއް ވިޔަސް ތިރިގޭގައި އޮންނާނީ ސަރުކާރުގެ ބާރެވެ. އެހެންވެ މަތިގެ އަކީ އޮސްޓްރޭލިއާއަށް، ސަރުކާރަށް ފާރަވެރިވާން އޮންނަ ފަށަލަ އެވެ. ސެނެޓަށް ކިޔައިއުޅެނީ ވެސް ހައުސް އޮފް ރިވިއު އެވެ. މާނަަކީ ތިރިގޭގެ ނިންމުންތައް މުރާޖާކުރާ ގެ އެވެ.
ނަމަވެސް އެންމެ ގިނަ ވޯޓު ލިބޭ މީހާއަށް މަޖިލީހުގެ މަތިގޭގެ ގޮނޑި ލިބޭ ގޮތަށް އޮންނަ އުސޫލުގެ ސަބަބުން ސަރުކާރު ހިންގާ ޕާޓީއަށް މަތިގެއިން އާދަޔާހިލާފު މެޖޯރިޓީ ލިބެމުން ދިޔަ އެވެ. އެކި ފަހަރު މަތިން މުޅި މަތިގެ ސަރުކާރަށް ލިބުނެވެ. މަތިގެ އޮތީ ނަމެއްގަ އެވެ. ތިރިގެއިން ނިންމާ ގޮތަށް މަތިގެއިން ޖަހަނީ ތައްގަނޑެކެވެ.
މަތިގެ އެއް ޕާޓީއަށް މުޅިން ލިބުނު ފަހަރުތަކުގެ މިސާލެއް:
1925: އޮސްޓްރޭލިއަން ޕާޓީ ކޯލިޝަނަށް ހުރިހާ ގޮނޑިއެއް. ލޭބާ ޕާޓީއަށް ގޮނޑިއެއް ނުލިބޭ؛ ކޯލިޝަނަށް ވޯޓުގެ %55 އަދި ލޭބާއަށް ވޯޓުގެ %45 ލިބުނު
1943: ލޭބާ ޕާޓީއަށް ހުރިހާ ގޮނޑިއެއް އަދި އޮސްޓްރޭލިއަން ޕާޓީ ކޯލިޝަނަށް ގޮނޑިއެއް ނުލިބޭ؛ ލޭބާއަށް ވޯޓުގެ ވޯޓުގެ %55 އަދި ކޯލިޝަނަށް %38
އޮސްޓްރޭލިއާއަށް ގަބޫލުކުރެވުނީ މި ކަން މިކުރެވެނީ ތާއީދު މަދު ޕާޓީތަކުގެ ތަމްސީލެއް މަޖިލީހެއް ނުލިބޭ ގޮތަަަށް ވުމުގެ އިތުރަށް ތާއީދު އޮތް ޕާޓީތަކަށް ވެސް އިންސާފެއް ނެތް ގޮތަށް ކަމަށެވެ. ލޭބާއަށް 1925ގައި އެންމެ ގޮނޑިއެއް ވެސް ނުލިބުނުއިރު އެ އިންތިހާބުގައި %45 މީހުންގެ ވޯޓު އެ ޕާޓީއަށް ލިބުނެވެ. އެހެންވީމާ، ވޯޓުލީ މީހުންގެ %45 އެދެނީ އެ ޕާޓީގެ މެންބަރުންތަކެއް މަޖިލީހުގައި ތިބެން ކަމަށް ބެލެވިދާނެ އެވެ.
އެހެންވެ މަތިގެއަށް މެންބަރުން އިންތިހާބުކުރާ ގޮތާއި މަތިގޭގެ އޮނިގަނޑަށް 1949ގައި ބަދަލުތަކެއް ގެނަ އެވެ. ކޮންމެ ސްޓޭޓަކުން ހަ މެންބަރުން އިންތިހާބުކުރާއިރު ހަ މެންބަރުން އިންތިހާބުކުރަނީ ކޮންމެ ސްޓޭޓަކަށް ކުރިމަތިލާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ތަރުތީބުން ވޯޓުދެވޭ ގޮތަށެވެ. ނޫނީ ޕާޓީއަށް ވެސް ވޯޓުދެވޭ އިހުތިޔާރުދެވޭ ގޮތަށެވެ.
އެ ކަން ހިނގާ ގޮތް ކުރު ގޮތަކަށް:
ވޯޓުލާ މީހާއަށް ދެ އިހުތިޔާރެއް ލިބޭނެ؛ އެއް ގޮތަކީ ޕާޓީތަކަށް ކަމުދާ ތަރުތީބު ނަންބަރު ޖަހައިގެން ވޯޓު ދިނުން. އަނެއް ގޮތަކީ ކެންޑިޑޭޓުންނަށް ކަމުދާ ނަންބަރު ޖަހައިގެން ތަރުތީބުކުރާ ގޮތަކަށް ވޯޓު ދިނުން
އިންތިހާބުވާ ދަށް ނިސްބަތް ކަމަށް ބުނާ ކޯޓާއެއް އޮންނާނެ؛ ކޯޓާއަށް ވުރެ އިތުރަށް ކެންޑިޑޭޓަކަށް ނުވަތަ ކެންޑިޑޭޓުންތަކަށް ވޯޓު ލިބިއްޖެ ނަމަ ފުރަތަމަ ކުރާ ކަމަކީ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓުން ކޯޓާއަށް ވުރެ އިތުރަށް ލިބުނު ވޯޓުތަކުގެ ދެވަނަ އިހުތިޔާރުގެ ވޯޓުތަކަށް ބަލައިގެން ވޯޓު ބަހަމުން ދިއުން
އެ މަރުހަލާއަށް ފަހު ދެން ހިނގާނީ ހަމަ ޕްރެފެރެންޝަލް ވޯޓިންތަކުގައި ވެސް އަމަލުކުރާ ގޮތަށް؛ އެންމެ މަދުން ވޯޓު ހުރި ކެންޑިޑޭޓުން އުނިކުރަމުން އެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓުތަކުގެ ދެވަނަ އިހުތިޔާރު އޮތް ކެންޑިޑޭޓުންނަށް ވޯޓު އިތުރުކުރަމުން ދިއުން
މިފަދަ ގޮތަކަށް މި ކަން ކުރާތީ ވޯޓު ގުނަން ވެސް ގިނަ ވަގުތު ނަގަ އެވެ. ވޯޓު ކަރުދާހުގައި ވޯޓު ލައި، ވޯޓު ގުނުން ވެސް އޮންނަނީ އިލެކްޝަންސްގެ މުވައްޒަފުން ތިބެގެން މެނުއަލްކޮށެވެ. ތިރިގޭގެ ނަތީޖާ ވޯޓުލާ ނިމޭ ދުވަހު ލިބުނު ނަމަވެސް މަތިގޭގެ ނަތީޖާ ލިބެން ހަފުތާއަށް ވުރެ ގިނަ ދުވަސް ނަގަ އެވެ.
އެހެންވިޔަސް މިހާރު އެއް ޕާޓީއަކަށް މަތިގޭގެ މުޅި މެޖޯރިޓީއެއް ނުލިބެ އެވެ. މައި ދެ ޕާޓީގެ އިތުރަށް ވެސް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނާއި އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވެސް މަތިގެއިން ޖާގަ ލިބެ އެވެ. މިހާރު މަތިގެ ހިނގަނީ ވެރިކަންކުރާ ބާރުގެ މެޖޯރިޓީ އޮންނަ ތިރިގޭގެ ނިންމުންތަކަށް ފާރަވެރިވާނެ ފަދަ ފަށަލައެއް ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ