ވާދަވެރި މިލާން އަތުން، އިންޓައަށް ފަސޭހަ މޮޅެއް

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ވާދަވެރި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިންޓަ މިލާނުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މިމެޗުގެ ފުރަތަަމަ ހާފުގައި އިންޓަ މިލާނުން ދެލަނޑުގެ ލީޑެއް ހޯދިއިރު، އެޓީމުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަރުމީނިއާގެ ތަޖުރިބާކާރު މިޑްފިލްޑަރު ހޭންރިކް މިކިތާރިޔަން އެވެ. މިއީ އެޓީމުގެ އިޓަލީ ޑިފެންޑަރު ފެޑެރިކޯ ޑިމާކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިމެޗުގައި އިންޓަ މިލާނުން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރާންސް ފޯވާޑް މާކަސް ތުރާމް އެވެ. މިއީ ނެދަލޭންޑްސްގެ ޑިފެންޑަރު ޑެންޒެލް ޑަމްފްރީސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ.
Advertisement
މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ އޭސީ މިލާނުން ނެވެ. އެގޮތުން ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ފޯވާޑް ރަފައެލް ލިއާއޯ އެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް އޮލިވިއޭ ޖިރޫޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިމެޗުގައި އިންޓަ މިލާނުން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން މިކިތާރިޔަން އެވެ. މިއީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ލައުޓާރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އިންޓަ މިލާނުން މިމެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ތުރުކީގެ މިޑްފީލްޑަރު ހަކަން ޗަލްހަނޮގްލޫ އެވެ. އަދި އެޓީމުގެ ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޑޭވިޑް ފްރެޓެސީ އެވެ. މިއީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކި ހޭންރިކް މިކިތާރިޔަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-1 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު އިންޓަ މިލާން މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އޭސީ މިލާނަށް ހަތަރު މެޗުން 9 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ