އާކްގެ ފަރާތުން ސަލާހުއްދީން ސްކޫލަށް ލައިބްރަރީއެއް

ސަލާހުއްދިީން ސްކޫލުގައި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން، އާކުން އެލިއާ އިންވެސްޓްމަންޓްސްގެ އެހީތެރިކަމާއެކު ތަރައްޤީކުރި ލައިބްރަރީ ހުޅުވައިފިއެވެ.
ސަލާހުއްދީން ސްކޫލްގައި "ރީޑިން ރިޓްރީޓް"ގެ ނަމުގައި ހުޅުވި މި ލައިބްރަރީ އަކީ، އެއްފަހަރާ 150 ކުދިންނަށް ބޭނުންކުރެވޭގޮތަށް ތަރައްޤީކޮށްފައިވާ ލައިބްރަރީއެކެވެ. މި ލައިބްރަރީ ހުޅުވައި ދެއްވީ އެލިއާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލާއު އަލީއެވެ. މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުއްލަތީފް މުޙައްމަދު އަދި ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދްރީސް ބައިވެރިވަޑައިގެންނެވިއެވެ.
ލައިބްރަރީ ހުޅުވައިދެއްވާ ވާހަކަދައްކަވަމުން އެލިއާ އިންވެސްޓްމެންޓްގެ މެނޭޖިންގ ޑިރެކްޓަރ އަލާއު އަލީ ވިދާޅުވީ މިއީ އެލިއާ ކުންފުނިން މިހާތަނާށް ސްކޫލަކަށް ކުރި އެންމެ ބޮޑު އިންވެސްޓްމެންޓް ކަމަށެވެ. އަދި މިއީ ކުދިންގެ އުނގެނުމުގެ ތަޖުރިބާއަށް އަންނަ މުހިންމު ބަދަލެއް ކަމަށް އޭނާ ވިދާޅުއެވެ.
ލައިބްރަރީ ހުޅުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުއްލަތީފް ވަނީ ލައިބްރަރީގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ކިއުންތެރިކަމުގެ މުހިންމުކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ސަލާހުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ ވަނީ މިފަދަ މަސައްކަތެއް ކުރިއަށް ގެންގޮސްދެއްވީތީ އާކް ޖަމިއްޔާ އަދި އެލިއާ ކުންފުންޏަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ލައިބްރަރީ އަކީ ސްކޫލުގައި ކިޔަވަމުންދާ 2700 އަށް ވުރެ ގިނަ ދަރިވަރުންނަށް ބޭނުންކުރެވޭނެ މުހިންމު ވަސީލަތަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދަރިވަރުންގެ ކިޔުމާއި ދަސްކުރުމަށް ޝައުޤުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ތަފާތު ތަންތަން އެކި ޖާގަތައް މި ލައިބްރަރީގައި ހަދައިދީފައެވެ. އޭގެ ތެރޭގައި ޑައިލޮގް ޑެންގެ ނަމުގައި ގިނަ ކުދިން ގުޅިގެން ކުރިޔަށް ގެންދަންޖެހޭ ގްރޫޕް މަސައްކަތްތައްފަދަ ކަންކަން ކުރުމަށް ޚާއްސަ ޖާގައެއް ހިމެނެއެވެ. މި ސަރަހައްދުގައި ޓީވީ ހުންނައިރު ކުދިންގެ މުވާސަލާތު ކުރުމުގެ ހުނަރު ތަރައްޤީކުރުމަށް މި ސަރަހައްދުގެ ސަބަބުން މަގުފަހިވާނެ ކަމަށް އާކްއިން ބުެނއެވެ.
މީގެ އިތުރުން ކުދިން އަމިއްލައަށް ފޮތް ކިޔަން ބޭނުން ޖާގައާއި، މުޅި ކްލާސްއެއްކޮށް އެއްޖާގައެއްގައި ތަފާތު އަދި އިންޓަރއެކްޓިވް ފިލާވަޅުތައް ނަގައިދެވޭނެގޮތަށް ފަރުމާކޮށްފައިވާ ސައުންޑްޕްރޫފް ޖާގައެއްވެސް މި ލައިބްރަރީގައި ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން ސްޓާފް ސްޓޫޑިއޯގެ ނަމުގައި ޓީޗަރުންނަށް ފިލާވަޅު ތައްޔާރުކުރުމާއި އެހެނިހެން އިދާރީ މަސައްކަތް ކުރެވޭނެ ގޮތަށް ޚާއްސަ ޖާގައެއް ވަނީ ތަރައްޤީކޮށްފައެވެ.
ކްލާހުގައި ދަސްކުރާ ފިލާވަޅުތަކުގެ އިތުރުން، ރީޑިން ރިޓްރީޓްއަކީ ކުދިންގެ މުސްތަޤްބަލަށްޓަކައި އެކުދިންގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، ކްރިޓިކަލް ތިންކިން، މުވާސަލާތުކުރުން އަދި ކިޔުމަށް ޝައުޤުވެރިކަން އިތުރުކުރުމަށް ކޮށްފައިވާ މުހިއްމު އިންވެސްޓްމެންޓެއް ކަމަށް އާކްއިން ބުނެއެވެ. ކުދިން ވަކިވަކިން ދަސްކުރަންޖެހޭ ކަންކަމާއި، ގްރޫޕް ސެޓިން އަދި މުޅި ކްލާސްރޫމް އެއްކޮށް ދަސްކުރަންޖެހޭ ކަންކަމަށްވެސް ވަކިވަކި ސްޕޭސްތައް ޑިޒައިންކޮށްގެން ހުޅުވި މި ލައިބްރަރީއަކީ ކުދިން ކަންކަން ދަސްކުރާ ތަންތަން ޒަމާނަށް ފެތޭގޮތަށް ބައްޓަންކުރުމުގައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމުގައި އާކުން ޤަބޫލުކުރެއެވެ. އަދި މީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެހެން ސްކޫލްތަކުގައިވެސް މިފަދަ ތަންތަން ޑިޒައިންކުރުމަށް މަގުފަހިކުރުވާނެ ތަނެއް ކަމަށް އެޖަމީއްޔާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ