މިދިޔަ އަހަރު ރާއްޖޭގެ އިންފްލޭޝަން ހުރީ 4 ޕަސެންޓުގައި

މިދިޔަ އަހަރު ރާއްޖޭގެ އެވްރެޖް އިންފްލޭޝަން ރޭޓު ހުރީ 4 ޕަސެންޓްގައި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އަގުތައް އުފުލުމުގެ އެންމެ ބޮޑު ހިއްސާއަކީ، ދުންފަތުގެ ބާވަތްތަކުގެ އަގުތައް އުފުލުމާއި ކާބޯތަކެތީގެ އަގުތަކެވެ. ކާބޯތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން، ރެސްޓޯރެންޓްތަކުގައި ވިއްކާތަކެތީގެ އަގުތައް އުފުލުނު އިރު ހަކަތައާ ގުޅޭ އުފެއްދުންތަކުގެ އަގުތައް ވެސް އުފުލިފައިވެ އެވެ.
މިދިޔަ އަހަރު ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް ވަނީ ކުޑަވެފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީ އިތުރުވުން ކަމަށް އެމްއެމްއޭއިން ފާހަގަކުރެ އެވެ.
މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވަނީ 6.3 ޕަސެންޓަށް ކުރިއަރާފަ އެވެ.
މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް އެމްއެމްއޭއިން ލަފާކުރަނީ 5.3 ޕަސެންޓަށެވެ. އަދި ޓޫރިޒަމް ދާއިރާ 4.8 ޕަސެންޓަށް މިއަހަރު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިއީ މެދުއިރުމަތީގެ ހަނގުރާމަ ފެށުމުގެ ކުރިން އެމްއެމްއޭއިން ލަފާކުރި އިގްތިސާދީ ކުރިއެރުމެވެ.
އެމްއެމްއޭއިން ބުނީ، މިހާރު ކުރިމަތިވެފައިވާ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ބޮޑު އަސަރެއް ކުރަމުންދާ އިރު އެކަމުގެ އަސަރު މުޅި އިގްތިސާދީ ކުރިއެރުމަށް ކުރާނެ ކަމަށެވެ. މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ތެލުގެ އަގު އުފުލިފައިވުމުގެ ސަބަބުން، އެކަމުން ރާއްޖޭގެ އިންފްލޭޝަނަށް އަސަރުކުރާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ