ފަރެސްމާތޮޑާގައި ވައިރަލް ހުން ގިނަވެ، އާބާދީގެ ދެބައިކުޅަ އެއްބައެއްހާ މީހުން ފަރުވާ ހޯދައިފި
ގދ. ފަރެސްމާތޮޑާގައި ވައިރަލް ހުން ފެތުރެމުންދާ މިންވަރު އިތުރުވެ އެ ރަށުގެ އާބާދީގެ ދެބައިކުޅަ އެއްބައެއްހާ މީހުން ޑޮކްޓަރަށް ދައްކާފައިވާކަމަށް އެ ރަށުގެ ހެލްތް ސެންޓަރުން މިއަދު ބުނެފިއެވެ. ފަރެސްމާތޮޑާގައި މިހާރު ދިރިއުޅޭ މީހުންގެ އާބާދީއަކީ ގާތްގަނޑަކަށް 1،100 އެކެވެ. 'ސަން'އަށް މައުލޫމާތުދެއްވަމުން ފަރެސްމާތޮޑާ ހެލްތް ސެންޓަރުގެ މެނޭޖަރު ޔާސިރު މުޙައްމަދު ވިދާޅުވީ، ގާތްގަނޑަކަށް ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބައެއްހާ މީހުން މި ފަހުން މި ފެތުރޭ ހުމުގެ ސަބަބުން ޑޮކްޓަރަށް ދައްކާފައިވާ ކަަމަށެވެ. އެގޮތުން އެންމެ ގިނައިން މީހުން ޑޮކްޓަރަށް ދައްކާފައިވަނީ މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހުގައި ކަމަށާއި، ބުރާސްފަތި ދުވަހު ވައިރަލް ހުން ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުން އަދަދު 54އަށް އަރާއިރު، ހުކުރުދުވަހު ޑޮކްޓަށް ދެއްކި މީހުންގެ އަަދަދު 40 އަށް އަރާ ކަމަށް ޔާސިރު ވަނީ ވިދާޅުވެފައެވެ. އަދި ޔާސިރު ވަނީ މިއަދުވެސް ޑޮކްޓަރަށް ދައްކަމުންދާ މީހުން މަދު ނޫންކަން ފާހަގަ ކުރައްވައިފައެވެ. އަދި މިހާރުވެސް ހެލްތް ސެންޓަރުގައި އެޑްމިޓް ކޮށްގެން ހަތް މީހަކު ފަރުވާ ހޯދަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ޔާސިރު ވިދާޅުވީ ވައިރަލް ހުން ގިނަވުމުގެ ސަބަބުން، އެރަށުގެ ހެލްތް ސެންޓަރަށް އެހީތެރިވުމުގެ ގޮތުން އެ އަތޮޅުގެ ތިނަދޫއިން ދެ ޑޮކްޓަރުންނާއި ދެ ނަރުހުން ފޮނުވާދީފައިވާ ކަމަށެވެ. އެ ރަށުގައި ގާއިމުވެ ހުންނަނީ އާއްމު ބަލީގެ އެންމެ ޑޮކްޓަރެކެވެ. ޔާސިރު ވަނީ ބަލިމީހުންނަށް ބޭނުންވާ ބޭސް އެސްޓީއޯއިން ބަރާބަރަށް ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެސްޓިއޯއިން ބަލިމީހުންނަށް ބޭނުންވާހުރިހާ ބޭސްތަކެއް ޕްރޮވައިޑްކޮށްދޭ ހަމަ. ހުސްވެގެންދާ ގަޑީގަ ހަމަ އަތޮޅުތެރޭގެ ހުރިހާ ރައްތަކަކުން ގެނެސް ހަމަ ބަލިމީހާއަށް ބޭނުންވާ ބޭސްތައް ލިބޭހަމަ. ފަރެސްމާތޮޑާ ހެލްތް ސެންޓަރުގެ މެނޭޖަރު ޔާސިރު މުޙައްމަދު ފާހަގަކޮށްލެވޭ ގޮތުގައި އެ ރަށުގެ ހެލްތް ސެންޓަރުން ވަނީ މި މަހުގެ ހަ ވަނަ ދުވަހު، ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކަންދާ މީހުންގެ އަދަދު އިތުރުވާކަން ފާހަގަކުރެވޭތީ، އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ހެލްތް ސެންޓަރުން ވަނީ ހުމާއި އަރިދަފުސް ރޯގާގެ އިތުރުން ގައިންގަޔަށް އަރާ ބަލިތަކާއި މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ކޮންޓްރޯކޮށް އެފަދަ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން އަޅަންވީ ފިޔަވަޅުތައްވެސް އާންމުކޮށްފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވެސް ވަނީ ޑެންގީއާއި އެހެން ބަލިތައް ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ