ކާށިދޫ ދާއިރާގެ ސެކްރެޓޭރިއަޓްއަކަށް ނަހުލާ ޢަލީ ހަމަޖައްސައިފި

ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ ސެކްރެޓޭރިއަޓްއަކަށް، ނަހުލާ ޢަލީ ހަމަޖައްސާފައިވާކަމަށް، އެ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ކާށިދޫ ދާއިރާގެ ސެކްރެޓޭރިއަޓްއަކަށް ނަހުލާ ޢަލީ ހަމަޖައްސާފައިވާކަން ބަޔާންކުރައްވައި، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ޖާބިރު މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ، މަޖިލީހުގެ އައު ޤަވާއިދުގެ ދަށުން ކޮންމެ މެންބަރަކަށް ވެސް، އެ މެންބަރެއްގެ ދާއިރާގެ މަސައްކަތްތައް ކުރުމަށްޓަކައި، މަޖިލީޙުގެ އިމާރާތުގައި މޭޒެއް ހަމަޖެހުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާކަމަށެވެ. މިގޮތުން އެ ފުރުސަތު ލިބިވަޑައިގެންފައިވާތީ ކާށިދޫ ދާއިރާގެ ސެކްރެޓޭރިއަޓްއަކަށް ނަހުލާ ޢަލީ ހަމަޖައްސާފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރުވަނީ، ސެކްރެޓޭރިއަޓްއަކަށް ނަހުލާ ޢަލީ ހަމަޖައްސާފައިވާކަން އަންގައި، ނަހުލާއަށް މަޖިލިސް އިދާރާއަށް ވަދެނިކުމެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވުމަށާއި، މޭޒު ތަރުތީބުކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
ޑީއާރުޕީގެ ލީޑަރު ޖާބިރު ނިސްބަތްއވެވަޑައިގަންނަވާ ކާށިދޫ ދާއިރާގެ މަޖިލީހުގެ ސެކްރެޓޭރިއަޓްކަމަށް ނަހުލާ ޢަލީ ހަމަޖައްސަވާފައިވާއިރު، ނަހުލާ ވަނީ ޑީއާރްޕީގައި ހުރެފައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަދުވަހުގައި، ޕީޕީއެމްއާއި ގުޅިފައެވެ. މި ގޮތުން ނަހުލާ ވަނީ، ލޯކަލް ކައުންސިލް އިންތިޚާބުގައި، ޕީޕީއެމްގެ ޓިކެޓުގައި ވިލިމާލޭ ދާއިރާއަށް ކުރިމަތިލައި ކެމްޕޭނުވެސް ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ