ކަމަދޫ ބައި އިލެކްޝަނާ ގުޅޭ ޝަކުވާ ބަލައިގަންނަން ފަށައިފި

ބ. ކަމަދޫގައި ބާއްވާ ބައި- އިލެކްޝަނާ ގުޅޭ ޝަކުވާތައް ރަށު ކައުންސިލްގެ އިދާރާ އިން ނާއި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަން ފަށައފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ އަންނަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ކަމަދޫގައި ބާއްވާ އިންތިހާބާ ގުޅޭ ޝަކުވާތައް މިއެޕްރީލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަދޫ ކައުންސިލްގެ އިދާރާގައި ގާއިމްކޮށްފައިވާ އިލެކްޝަންސްގެ ފޯކަލް ފޮއިންޓާއި އެ ކޮމިޝަނުން ބަލައިގަންނަން ފަށާފައިވާ ކަމަށެވެ. އިންތިހާބްގެ ރަސްމީ ނަތީޖާ އިޢުލާންކުރުމާ ހަމައަށް ޝަކުވާތައް ބަލައިގަންނާނެ ކަމަށާއި ނަމަވެސް މިހާތަނަށް އަދި އެއްވެސް ޝަކުވާއެއް ހުށަހެޅިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
" މިފަހަރު އަޅުގަނޑުމެން ޝަކުވާތައް ބަލައިގަންނަ ވަކި ބިއުރޯއެއް އުފައްދާފައެއް ނުވާނެ. ކައުންސިލްގެ އިދާރާއިން ޝަކުވާތައް ބަލައިގަނެ އެ މަސައްކަތް ކުރަމުންގެންދާނީ އިލެކްޝަންސްގެ އޮފިޝަލުން،" ހަބީބު ވިދާޅުވި އެވެ.
ކައުންސިލްގެ ފަސް ވަނަ މެންބަރު ހޮވުމަށް ބާއްވާ ބައި- އިލެކްޝަންސްގެ ކަންތައްތައް އޮބްޒާވްކޮށް މޮނިޓާ ކުރުމަށާއި މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
ކަމަދޫ ކައުންސިލްގައި ތިއްބަވާ އެމްޑީޕީގެ ފަސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ އެރަށު ރަތްވިލާގޭ އަހުމަދު ޝަފީގު އިސްތިއުފާ ދެއްވުމާ ގުޅިގެން ކައުންސިލްގެ އިދާރާގައި ހުސްވެފައިވާ މަގާމަށް ކުރިމަތިލުމަށް އިލެކްޝަނުން މި އެޕްރީލް މަހުގެ 19 ވަނަ ދުވަހު ހުޅުވާލި ފުރުސަތު ހަމަވާނީ އަންނަ މެއި މަހުގެ ތިންވަނަ ދުވަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ