ވެސްޓްހަމް ބަލިކޮށް، ޗެލްސީން ޔޫރަޕަށް ކޮލިފައިވުމުގެ އުންމީދު ދަމަހައްޓައިފި

އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ވެސްޓްހަމް ބަލިކޮށް ޗެލްސީން ކުރިއަށް އޮތް ސީޒަނުގައި ޔޫރަޕްގެ ޖާގައަކަށް ކުރަމުން އަންނަ އުންމީދު ދަމަހައްޓައިފިއެވެ.
ވެސްޓްހަމް އެންމެ ފަހުން ކުޅުނު މެޗުން އެޓީމަށް މޮޅެއް ހޯދިފައިނުވާއިރު، އޭގެތެރެއިން ތިން މެޗުން އެޓީމު ބަލިވެފައިވާއިރު، އަނެއް ދެމެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި ޗެލްސީ އެންމެ ފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން ދެމެޗުން މޮޅުވެ، ދެމެޗުން ބަލިވެފައިވާއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މީގެ އިތުރުން މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ވެސްޓްހަމް ދަނޑުގައި 3-1 ގެ ނަތީޖާއަކުން ޗެލްސީ ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހަފު 3-0 ގެ ނަތީޖައަކުން ޗެލްސީ ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި ޗެލްސީގެ ފޯވާޑް ނިކޮލަސް ޖެކްސަން ދެލަނޑު ކާމިޔާބުކުރި އިރު، އެޓީމުގެ ޒުވާން މިޑްފީލްޑަރު ކޯލް ޕަލްމާ، ފޯވާޑް ނޯނީ މަޑުއެކޭ އަދި ކެޕްޓަން ކޯނޯ ގަލެގަރ މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ޕަލްމާ ކާމިޔާބުކުރި ލަނޑާއެކު އެނާ ވަނީ އެއް ސީޒަނެއްގައި ޗެލްސީގެ އަމިއްލަ ދަނޑުގައި އެޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. މިއީ މިސީޒަނުގައި ޗެލްސީގެ ދަނޑުގައި ޕަލްމާ ކާމިޔާބުކުރި 16 ވަނަ ލަނޑެވެ. އަދި މީގެ އިތުރުން މިއީ މިސީޒަނުގައި ލީގުގައި އޭނާ ކާމިޔާބުކުރި 21 ވަނަ ލަނޑެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 35 މެޗުން ޗެލްސީއަށް 54 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 7 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ވެސްޓްހަމް އިން ލީގުގައި ކުޅުނު 36 މެޗުން ލިބުނު 49 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލިގު ތާވަލުގެ 9 ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ