އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ވަކީލުންނަށް ފިޔަވަޅު އަޅަންޖެހިދާނެ ކަމަށް ގާޒީ ވިދާޅުވެއްޖެ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތެއްގެ ވަކީލު ކޯޓަށް ހާޒިރު ނުވުމުން މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އަލީ ވަކީލުންނަށް ފިޔަވަޅު އަޅަންޖެހިދާނެ ކަމުގެ އިންޒާރު ދެއްވައިފި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލްގެ މައްޗަށެވެ.
މައްސަަލައާއި ގުޅިގެން ހެކި ނެގުމަށް މިއަދު ތާވަލްކުރި ޝަރީއަތުގެ އަޑުއެހުމަށް ބަލިކަން އެންގުމަށްފަހު ވަޑައިގެންނުގެންނެވީ ޒިޔަތުގެ ވަކީލެވެ. މިއަދުގެ އަޑުއެހުން ކުރިއަށް ގެންދަން ނިންމާފައި އޮތީ ދައުލަތާއި އަދި ދައުވާ ލިބޭ ތިން ބޭފުޅުންގެ ފަރާތުން ވެސް އެއް މަޖިލީހެއްގައި ހެކި ހުށަހަޅާ ގޮތަށެވެ.
ގާޒީ ވިދާޅުވީ ބަލިވުމަކީ ބަލައިގަނެވޭ އުޒުރެއް ކަމަށެވެ. ނަމަވެސް މައްސަލަ ތާވަލްކުރަނީ ވަކީލުންނަށް ދުރާލާ އެންގުމަށްފަހު ކަމަށްވާތީ މައްސަލަ ދިގުދެމިގެންދާ ގޮތަށް އެއްވެސް ފަރަތަކުން އަމަލުނުކުރުމަށްވެސް ގާޒީ އެދިވަޑައިގެންނެވި އެވެ.
ގާޒީ އިތުރަށް ވިދާޅުވީ މިމައްސަލައާއި ގުޅިގެން ދެން އޮންނަ އަޑުއެހުމަކަށް ވަކީލުން ވަޑައިގެންނެވި ނަަމަވެސް އަދި ވަޑައިނުގެންނެވި ނަމަވެސް މައްސަލަ ފަސްނުކޮށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެދުވަހަށް ފަހު ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ނުދެއްވާނެ ކަމަށާއި ހެކި ހުށަހެޅުމަށް ބާއްވާ އަޑުއެހުމަށް ހާޒިރު ނުވާ ވަކީލުން މިމައްސަލައިން ސަސްޕެންޑް ކުރަންޖެހިދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ