އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ވިސްނުމެއް ނެތް: މައުމޫން

އިތުރު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ.
ޓީވީގެ މެހެމާންސަރާ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި ހިޔާލް ތަފާތުވުން ބޮޑުވުމާ ގުޅިގެން ޕާޓީގެ ހިންގުން ކޯޓް މެދުވެރިކޮށް، ޕާޓީގެ މުސްތަޝާރާއި ހަވާލްކުރައްވާފައިވީނަމަވެސް އިތުރު ސިޔާސީ ޕާޓީއެއް އުފައްދަން ބޭނުންފުޅުނުވާކަމަށެވެ.
މައުމޫން ވިދާޅުވިގޮތުގައި ޕީޕީއެމް އުފެއްދީ އެބޭފުޅުން ގަބޫލްކުރާ ފިކުރުތަކާއި ހަރުދަނާ އުސޫލްތަކުގެ މައްޗަށްކަމަށާ އެހެންކަމުން އައު ސިޔާސީ ޕާޓީއެއް އުފެއްދިނަމަވެސް އިތުރަށް ކުރެވޭނެ ކަމެއް ނޯންނާނެއެވެ.
ޑީއާރުޕީ އުފައްދަވާ ކާމިޔާބު ހޯއްދެވީވެސް ވަރަށް ބުރަ މަސައްކަތުންކަމަށާ ޕީޕީއެމް އުފައްދަވާ އެޕާޓީ ރާއްޖޭގެ ވެރިކަމަށް ގެނައީވެސް އެހާބުރަ މަސައްކަތްތަކެއް ކޮށްގެންކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ވަރަށް މިނިވަން އިންސާފުވެރި އިންތިހާބަކަށްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މައމޫން ވަނީ ވިދާޅުވެފައެވެ.
އިންތިހާބަކީ އެއްވެސް ރައްޔިތަކަށް މަޖުބޫރުކަމެއް ބިރުދެއްކުމެއްނެތި އެ ރައްޔިތަކު ތާއީދުކުރާ ބޭފުޅަކަށް ވޯޓް ލެވޭނެ ފަދަ އިންސާފުވެރި މާހައުލެއްގައި ކުރިއަށްދާ އިންތިހާބަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ