ދިއްގަރު ދާއިރާގެ ގޮނޑި ފާރިސް އަށް ކާމިޔާބުކޮށްދޭން މައުމޫން އެދިވަޑައިގެންފި
މަޖިލީހުން ހުސްވެފައިވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންްގައި ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓް ފާރިސް މައުމޫނަށް ކާމިޔާބީ ހޯދައިދޭން، އެ ޕާޓީގެ ލީޑަޝިޕާއި އާއްމު މެމްބަރުން މަސައްކަތް ކޮށްދެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ އެދިވަޑައިގެންފި އެވެ. ދަރިކަލުން ފާރިސް ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ކާމިޔާބުކުރެއްވުމާ ގުޅިގެން އެންދެރިމާގޭގައި ޕާޓީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މައުމޫން ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި ފެނިގެން ދިޔައީ ވަރަށް ރީތި ނަމޫނާއެއް ކަމަށެވެ. ޕްރައިމަރީގައި ފާރިސްއާ ވާދަކުރެއްވި މޫސާ ނަސީރުގެ ކިބައިން ވެސް ފެނުނީ، ޑިމޮކްރަސީގެ ރީތި ނަމޫނާ ކަމަށް ވިދާޅުވެ، އޭނާ އަށް މައުމޫން ޝުކުރު އަދާކުރެއްވި އެވެ. އެންދެރިމާގޭގައި ބޭއްވި ރަސްމިއްޔާތުގައި މައުމޫން ވާހަކަފުޅު ދައްކަވަނީ: ޕީޕީއެމްގެ ޕްރައިމަރީއަކީ ކާމިޔާބު ޕްރައިމަރީއެއް ކަމަށް ވިދާޅުވި. --ފޮޓޯ: ޕީޕީއެމް ޕްރައިމަރީގައި ކެންޑިޑޭޓަކު ކަނޑައެޅެންދެން، އެ ޕްރައިމަރީއާ ގުޅޭގޮތުން އެއްޗެއް ވިދާޅުނުވެ ހުންނެވީ އެއްވެސް މީހަކަށް ޕާޓީގެ ރައީސް ތާއީދުކުރެއްވުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ފެނިވަޑައިނުގެންނެވުމުން ކަމަށް މައުމޫން ވިދާޅުވި އެވެ. ދިއްގަރު ދާއިރާގެ ގޮނޑި ޕީޕީއެމުން ކާމިޔާބުކުރުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރައްވައި، ސަރުކާރު ދެމެހެއްޓުމަށް، ފާރިސް އަށް ދިއްގަރު ގޮނޑި ކާމިޔާބުކޮށްދޭން ގުޅިގެން މަސައްކަތް ކުރުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ. އެންދެރިމާގޭގައި ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ޕީޕީއެމް އެ ރަސްމިއްޔާތުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ ޖޫން 6 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ