ސަރުކާރަށް ދައްކަން ޖެހޭ ފައިސާއެއް ނޯންނާނެ: ގާސިމް

ވިލާ ގްރޫޕުން ސަރުކާރަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް އެ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ވިލާ ގްރޫޕްގެ ކުންފުނިތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ދައުލަތަށް ލިބެން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެފައި ވަނިކޮށެވެ. އެކަމާ ގުޅިގެން ގާސިމް ވަނީ އަދީބުގެ އިސްތިއުފާ އަށް ގޮވާލައްވާފަ އެވެ. "އިތުރުފުޅު ނުހައްދަވާ، ރަނގަޅަށް ތެދުވެރިކަމާ އެކީގައި މަނިކުފާނު ކުރައްވާފައި ހުރި ހުވަޔާ އެއްގޮތަށް ކަންތައް ނުކުރެވޭ ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާލާނީ އިސްތިއުފާ ދެއްވާށޭ. އަވަހަށް އިސްތިސްއުފާ ދެއްވާށޭ،" ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ގާސިމް، އަދީބަށް ނިސްބަތް ކުރައްވައި ވިދާޅުވި އެވެ. "ގާނޫނު އަސާސީގެ ދިފާއުގައި" އެމްޑީޕީ އާއި ޖޭޕީ ގުޅިގެން ސީގަލް ކެފޭ ކަންމަތީގައި ބޭއްވި އެއްވުމެއްގައި ގާސިމް ވިދާޅުވީ މީހުންގެ މުދާ ނެގުމަކީ "ބަތް ކައްކާ ކުޅޭހެން" ކުރެވޭނެ ކަމެއް ނޫން ކަމަށާއި ގާނޫނު އަސާސީ އާއި ހަދާފައިވާ އެއްބަސްވުމާ ހިލާފަށް ސަރުކާރުން ކުރާ ކަންކަމަށް ކޯޓުތަކުން ހުކުމެއް އިއްވައި ނުދޭނެ ކަމަށެވެ. އެކަން ފައިސަލާ ކުރާނީ، ޖޭއެސްސީގެ ކުރީގެ މެމްބަރު ގާސިމް ވިދާޅުވި ގޮތުގައި، ކޯޓުތަކުންނެވެ. އޭރުން ސަރުކާރުން ހަދާ ތެދުދޮގު އެނގިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "ހަމަ އާއި އިންސާފުން ބޭރުން" ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގަމުންދާ ފަޅު ރަށްތަކާއި މި ސަރުކާރުން ނަގަން ފެށި ޓެކްސްތައް "އަޅުގަނޑުމެންގެ ސަރުކާރެއްގައި" ކަނޑާލާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން މުއާސަލާތީ ހިދުމަތުގެ ޓެކްސް ކަނޑާލުމުގެ އިތުރުން އިމްޕޯޓް ޑިއުޓީއަށް އެންމެ ފަހުން ގެނައި ބަދަލުތައް ކުރިން ހުރި ގޮތަކަށް ރުޖޫއަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ވަކި ބަޔަކަށް ކަރަންޓް ސަބްސިޑީ ދިނުމުގެ ބަދަލުގައި އެ ސަބްސިޑީ އެންމެނަށް ލިބޭނެ ގޮތް ހަދާނެ ކަމަށާއި މަސްވެރިންނާއި ދަނޑުވެރިންނަށް މި ސަރުކާރުން ދޭން ވައުދުވި ސަބްސިޑީ ވެސް ލިބޭނެ ގޮތް ހަދައިދޭނެ ކަމަށެވެ. "ﷲ އިރާދަކުރެއްވިއްޔާ މާލަހެއް ނުވާނެ، އެ ދުވަސް ދައްކަވާނެ،" އޭނާ ވިދާޅުވި އެވެ. "ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ މެޖޯރިޓީ ޕީޕީއެމް އަކަށް ނޯންނާނޭ. މާލަސްތަކެއް ނުވެ ޕީޕީއެމަށް ގެއްލިގެންދާނޭ، އެ މެޖޯރިޓީ ގެއްލިގެންދާނޭ. ކިތަންމެ ވަރަކަށް އަދީބު ވިދާޅުވިޔަސް އަދި ކޮންމެ ބޭފުޅަކު ވިދާޅުވިޔަސް އެއެއް ނޯންނާނެ އިނގޭތޯ؟" އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ފެށުމުން ކަންކަން ބަދަލުވަމުންދާ ތަން ފެންނަން ފަށާފައިވާކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ ކުރިން ވަކިކުރަން ކަނޑައަޅާފައި ތިއްބެވި މިނިސްޓަރުން މަގާމުން ވަކިކުރުން މަޑު ޖައްސާލާފައިވާ ކަމަށެވެ. އަދި ކުރިން ވަޒީފާ ނުދިން އެތައް ބަޔަކަށް ވަޒީފާ ދޭން ފަށައިފި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މި ގާސިމް އިބްރާހިމް ކަންތައްތަކަށް ނުކުތީމާ ކަންތައްތަކެއް ވާކަން އެބަ ގަބޫލުކުރެވޭ ނޫންތޯ؟ އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް، ރައްޔިތުންނަށް ވެސް މިނިވަން ކަމެއް ލިބިގެން ދިޔައީ މި ގާސިމް އިބްރާހިމާއި [ކުރީގެ ރައީސް] މުހައްމަދު ނަޝީދު ކިޔާ މީހަކު އިސްކޮށް ނުކުމެ މަސައްކަތްތަކެއް ކޮށްގެން." އަދީބަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް ތުހުމަތުކުރެއްވި ގޮތުގައި އަދީބު މުއްސަނދި ވެފައިވަނީ ނަހަމަ ގޮތުގައި ފައިސާ ހޯއްދަވައިގެންނެވެ. ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު-- ހަވީރު ފޮޓޯ: އައިމިނަތު ޝިފްލީން "ތި ކަހަލަ ޓޫރިޒަމް މިނިސްޓަރުކަން ކޮށްދޭނެ ކިތަންމެ ބޭފުޅުންނެއް އެބަ ތިއްބެވި. ވެރިކަމަށް ބޭނުން ވެގެން މިއުޅެނީ އަޅުގަނޑުތޯ، މަނިކުފާނުތޯ ބައްލަވާ ލައްވާ،" އޭނާ ވިދާޅުވި އެވެ. "އިހައްދުވަހު ކޮފީ ތަށްޓެއް ދޭނެ މީހަކު، މީގެ ތިން އަހަރު ކުރީގައި، ރައްޓެއްސަކާ އެކީގައި ކޮފީ މޭޒަކަށް އަރައި ބިލް ކަނޑާލެވޭ ވަރު ނެތް ބޭފުޅަކު މިއަދު މިލިއަނަރަކަށް، ބިލިއަނަރަކަށް ވެގެން ދިޔައީމާ، މި ވާގޮތް ނޭނގިގެނެއް ނޫނޭ މިތިބީ. ދިވެހިރައްޔިތަކަށް ނޭނގިގެނެއް ނޫނޭ އިނގޭތޯ." ރައްޔިތުންނަށް އިންސާފާއި އަމާންކަން ބޭނުންވާ ކަމަށާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާމެދު ސަރުކާރުންނާއި ފުލުހުން ކަން ކުރާ ގޮތުން، ދެން ކޮންމެ ރައްޔިތެއްގެ "ބޮލުގައި ވެސް ޖަހާނެ" ކަމަށް ގާސިމް ވިދާޅުވި އެވެ. މިހާތަނަށް އެއްވެސް އަމަލީ މަސައްކަތްތަކެއް ނުފަށާތީ ސަރުކާރުން ވަކިކުރި ރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 157 މިލިއަން ޑޮލަރު ލިބެންޖެހޭ ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ. ސެޓްލްމަންޓް އެގްރީމަންޓްތަކުގެ ދަށުން ދޫކޮށްފައިހުރި ގިނަ ރަށްތަކުގެ އެއްބަސްވުން ބާތިލުކޮށްފައިވާއިރު، އޭގެތެރޭގައި ގާސިމަށް ދޫކުރި ތ. އެލާ އާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅާއި ކ. ބޮލިދުއްފަރުފަރާއި ކ. ވާވެއްދިއްފަޅާއި އެ ރަށްތަކާ ގުޅިގެން ކުއްޔަށް ދީފައިވާ ފަޅުތައް ވަނީ ސަރުކާރަށް ނަގައިފަ އެވެ. އެ އެއްބަސްވުންތައް ބާތިލްކުރީ "އެގްރީމަންޓްތަކާ ހިލާފް ވެފައިވާތީ" ކަމަށް ޓޫރިޒަމުން ވަނީ ބުނެފަ އެވެ. ނަމަވެސް ގާސިމްގެ ވިލާ ކުންފުނިން އެ މައްސަލާގައި ސިވިލް ކޯޓަށް ދިއުމުން، އެ ކޯޓުން އަމުރުކޮށްފައި ވަނީ، އެ ކުންފުނިން ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެއްވެސް ކަމެއް ނުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ