ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓުންނަށް ވަގުތު ދިނުމުގައި ގެންގުޅޭނެ އުސޫލުތައް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން އާންމުކޮށްފިއެވެ.
އެމްބީސީގެ ޗެނަލްތަކުން ސިޔާސީ ޕާޓީތަކަށް ވަގުތުދިނުމުގައި ގެންގުޅޭ އުސޫލު އާންމުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ ކެންޑިޑޭޓުންނަށް ވަގުތުދީ އިންތިޚާބަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ޖުމްލަ 67 ޕްރޮގްރާމް އެމްބީސީގެ ޗެނަލްތަކުން ގެނެސްދޭނެ ކަމަށެވެ.
އެގޮތުން މިހާތަނަށް އިންތިޚާބަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުން ހާމަކުރަމުންދާ ސިޔާސަތުތައް ވީހާވެސް ތިލަކޮށް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގެ ގޮތުން ސިޔާސަތުގެ ނަމުގައި މިހާރު ޕްރޮގްރާމެއް ފަށާފައިވާއިރު، ރިޔާސީ ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން ވަންޓް ވަން ރޭޑިއޯ ޕްރޮގްރާމެއް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އުމަރު މަނިކު ވިދާޅުވިއެވެ.
ރިޔާސީ ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ރިޔާސީ ބަހުސެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މަނިކު ވިދާޅުވިއެވެ.
އަދި ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރާ ދުވަހުން ފެށިގެން ކޮންމެ ކެންޑިޑޭޓަކަށް ހަފުތާއަކު ދެ ފުރުސަތު ރޭޑިއޯ އަދި ޓީވީ މެދުވެރިކޮށް ހިލޭ ދޭނެ ކަމަށްވެސް އުމަރު މަނިކު ވިދާޅުވިއެވެ.
އެމްބީސީން ބުނީ ޕާޓީއަށް ދޫކުރާ ވަގުތު ދޫކުރެވޭނީ ހަމައެކަނި ކެންޑިޑޭޓުން އިއުލާންކޮށްފައިވާ ޕާޓީތަކަށް އެކަނި ކަމަށެވެ.
މީގެ އިތުރުން ރިޔާސީ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމާއެކު މަދަނީ ޖަމިއްޔާތަކަށް ވަގުތު ދިނުމާއި، އާންމުގޮތެއްގައި ޕާޓީތަކަށް ދެމުން އަންނަ އުސޫލަށް އަމަލުކުރުން ހުއްޓާލުމަށް ނިންމާފައިވާއިރު، އެމުއްދަތުގެ ތެރޭގައި އެމްބީސީގެ ޗެނަލްތަކުގެ ޕްރޮގްރާމްތަކުގައާއި، ހަރަކާތްތަކުގައި ސިޔާސީ ޕާޓީގެ އެއްވެސް ބޭފުޅަކަށް ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށްވެސް މަނިކު ވިދާޅުވިއެވެ.
މީގެ އިތުރުން އެ މުއްދަތުގެ ތެރޭގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފިލްމީ ތަރިންނާއި ލަވަކިޔުންތެރިންގެ މަންޒަރުތައްވެސް ބްރޯޑްކާސްޓު ކުރުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށްވެސް އެމްބީސީން ބުނެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުގެ ސިޔާސަތުތައް ހާމަކުރުމަށް ހަމަހަމަ ފުރުސަތު ދިނުމަކީ، މޯލްޑިވުސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ޤާނޫނު ލާޒިމު ކުރާ ކަމެކެވެ.
ރިޔާސީ ކެންޑިޑޭޓުންނަށް ވަގުތު ދޫކުރާނެ އުސޫލު ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ