ރިޔާސީ އިންތިހާބަށް އަދާލަތުން ކެންޑިޑޭޓަކު ނުނެރެން ނިންމައިފި

މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް އަދާލަތު ޕާޓީގެ ފަރާތުން ކެންޑިޑޭޓަކު ނުނެރޭ ގޮތަށް ނިންމައިފިއެވެ.
އަދާލަތު ޕާޓީގެ އިސް ތަރުޖަމާނު ޝޭހް މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ އަދާލަތުން އެގޮތަށް ނިންމީ މިވަގުތު ރާއްޖޭގެ ހާލަތު އޮތް ގޮތުން ކަމަށެވެ. އަދި އެޕާޓީން މަސައްކަތް ކުރާނީ އެއްބައިވަންތަކަމާއެކީ ވީހާ ވެސް ގިނަ ބަޔަކާއެކު ކުރިއަށް ދިއުމަށް ކަމަށް ވެސް ޝަހީމު ވިދާޅުވިއެވެ.
އަދާލަތު ޕާޓިގެ މަޝްވަރާ މަޖިލީހުން އެގޮތަށް ނިންމާފައިވާ އިރު ރޭ އެމަޖިލީހުންވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރުމަށްފަހު ޕާޓީން ކުރިއަށްދާނެ ގޮތްތަކާއި މެދު ލަފާ ދިނުމަށް ހަތް މެމްބަރުންގެ ކޮމެޓީއެއް ވެސް އެކުލަވާލާފައެވެ.
އަދާލަތު ޕާޓީން އިންތިހާބުގައި ވާދަ ނުކުރަން ނިންމި ނަމަވެސް އެޕާޓީން ވެސްދަނީ މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. ބެލެވޭ ގޮތުގައި އަދާލަތު ޕާޓީ ނުކުންނާނީ އިންތިހާބުގައި ވާދަ ކުރާނެކަން އިއުލާނު ކުރައްވާފައިވާ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއެކުއެވެ. ނަމަވެސް ރަސްމީކޮށް އެޕާޓީން އެކަން ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ