ޖުވެނައިލް ކޯޓަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ކޯޓުން ފޮނުވި ދެންނެވުމަކީ ބާޠިލް ދެންނެވުމެއް ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ކޯޓަށް ހާޒިރުވުމަށް ދެންނެވި ދެންނެވުން ބާތިލުކޮށްފައިވަނީ ސުޕްރިމްކޯޓުން މިއަދު ނެރުނު މެންޑާމަސް އަމުރު ގައެވެ.
ސްޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ އިދާރީ ގޮތުން ޢަދުލް އިންސާފް ޤާއިމްކުރުމުގެ ދާއިރާއަށް ބޭނުންވާ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްއޫލިއްޔަތެއް ކަމަށް، ސްޕްރީމް ކޯޓުގެ ނަންބަރު SC/02/2009 ސަރކިއުލަރގައި ބަޔާންކޮށްފައިވާނެ ކަމަށާއި، ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުންނާއި، ފަނޑިޔާރުންގެ އާއިލާގެ ބޭފުޅުންނަށް ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ ދަށުން ލިބިދޭންޖެހޭ އިންޝުއަރަންސްގެ ޚިދުމަތް ލިބިދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ ޝަރުޢީ ދާއިރާގެ އިދާރީ ކަންތައްތައް ބަލަހައްޓާ ފަރާތުގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައެވެ.
"އެހެންކަމުން ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންގެ މެޑިކަލް އިންޝުއަރަންސް ހަމަޖެހިފައިނުވަނީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުން ސާފުކުރުމަށް ބޭނުންވާކަމަށް ވިދާޅުވެ، 22 ނޮވެމްބަރ 2012 ވަނަ ދުވަހު 13:00 އަށް ޖުވެނައިލް ކޯޓަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަޑައިގެންނެވުމަށް ދަންނަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޖުވެނައިލް ކޯޓުން ފޮނުއްވާފައިވާ ސިޓީން ދަންނަވާފައިވާ ދެންނެވުމަކީ ޖުވެނައިލް ކޯޓުން އަދާކުރަންޖެހޭ ޤާނޫނީ މަސްއޫލިއްޔަތުގެ ބޭރުން ދަންނަވާފައިވާ ދެންނެވުމެއް ކަމަށްވާތީ އެ ދެންނެވުމަކީ ބާޠިލް ދެންނެވުމެއް ކަމަށް ކަނޑައަޅުއްވައިފިކަމުގައެވެ." ސުޕްރިމް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވެއެވެ.
ޖުވެނައިލް ކޯޓުގެ އެންގުމަށް ޝާހިދު ކޯޓަށް ވަޑައިނުގަންނަވާނެކަމަށް ބުނެ މަޖިލީހުން ވަނީ ސިޓީއެއް ވެސް ފޮނުވާފައެވެ. މަޖިލީހުގެ އިދާރާއިން ފޮނުވި ސިޓީގައި ވެސް ބުނެފައިވަނީ ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސް ހޯދައިދިނުމަކީ އެކޯޓުގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި އެހެން ކަމުން އެ ކަމާ މަސައްކަތް ކުރުމަކީ އެހެން އިދާރާއެއްގެ މަސައްކަތެއްކަމަށެވެ.
ޖުވެނައިލް ކޯޓަށް މަޖިލީހުގެ ރައީސް ހާޒިރުވުމަށް ފޮނުވި ދެންނެވުން ސުޕްރިމް ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ