މައުމޫނު މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކުރަން ހުށަހަޅައިފި

ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ގުޅިގެން ހިންގަވާފައިވާ ކަމަށް އިންޑިއާގެ ނޫހެއްގައި ތުހުމަތުކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި އާއި ޚިޔާނާތުގެ މައްސަލައިގައި ރައީސް މައުމޫން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރުމަށް މިއަދު ހުށަހަޅުއްވައި ބައެއް މެމްބަރުން ތާއީދުކުރައްވައިފި އެވެ. ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ހުށަހަޅުއްވި 800 މިލިއަން ޑޮލަރުގެ ހިޔާނާތުގެ ތުހުމަތު ތަހުގީގުކުރުމުގެ ގަރާރު ދިރާސާކުރާ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީ އަށް މައުމޫން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކެވެ. މައުމޫން ހާޒިރުކުރުމަށް ތާއީދުކުރެއްވި މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ ބައެއް މެމްބަރުންގެ އިތުރުން ޕީޕަލްސް އެލައިންސް )ޕީއޭ( އަށް ނިސްބަތްވެވަޑައިގަންނަވާ ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް އަބްދުﷲ ވެސް ހިމެނެ އެވެ. ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ އަޣުލަބިއްޔަތު އޮތީ އެމްޑީޕީ އަށެވެ. އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވީ ރައީސް މައުމޫން ކޮމިޓީ އަށް ހާޒިރުކުރައްވަންވާނީ، މައްސަލައާ ގުޅޭ ހުރިހާ ލިޔުމެއް ހޯދައި ދިރާސާކުރުމަށް ފަހު ކަމަށެވެ. ނާޝިޒަށް ރައްދުދެއްވައި މޫސަ ވިދާޅުވީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގައި ވަކި މީހަކަށް އޯގާތެރިކަމާ އެކު ކަންކުރުން ނޯންނާނެ ކަމަށެވެ. މަނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގު ވިދާޅުވީ މި މައްސަލައިގައި މައުމޫނާ ބައްދަލުކޮށް ވާހަކަ ދެއްކުން މުހިންމު ކަމަށާއި އޭގެ ސަބަބުން ތަހުގީގަށް ފެސޭހަވެގެން ދާނެ ކަމަށެވެ. މައުމޫން ހާޒިރުކުރަން ހުށަހެޅުމުގެ އިތުރުން އެމަނިކުފާނާއި ޔާމިނާއި އާއިލާގެ ބޭފުޅުންނާއި އެ ބޭފުޅުންނާ ގުޅުން ހުރި ބޭފުޅުންގެ ބޭރު ގައުމުތަކާއި ރާއްޖޭގެ ބޭންކްތަކުގައި ހުރި އެކައުންޓްތަކުގެ ތަފްސީލް އެމްއެމްއޭ މެދުވެރިކޮށް ހޯދުމަށް ވެސް ހުށަހެޅި އެވެ. އޭގެ އިތުރުން މައުމޫން ރައީސް ކަމުގައި ހުންނެވިއިރު އަދި ޔާމީންގެ މިނިސްޓަރުކަމުގައި ހުށަހެޅުއްވި އެ ބޭފުޅުންގެ މުދަލާއި މާލީ ބަޔާންތައް ހޯދުމަށް ވެސް ހުށަހެޅުއްވި އެވެ. މި ހުށަހެޅުންތަކަށް ވަނީ ތާއިދު ވެސް ލިބިފަ އެވެ. މި މައްސަލައާ ގުޅުން ހުރި ހުރިހާ ލިޔުމެއް ރައީސް އޮފީހާއި، ފޮރިން މިނިސްޓްރީންނާއި އެޓާނީ ޖެނަރަލް އޮފީހުންނާއި އޮޑިޓް އޮފީހުންނާއި އެމްއެމްއޭ އިންނާއި އެސްޓީއޯ އޮޑިޓްކޮށްފައިވާ އޮޑިޓް ފާމްތަކުންނާއި 800 މިލިއަން ޑޮލަރުގެ މައްސަލަ ބަލާފައިވާ ބައިނަލްއަގުވާމީ އެކައުންޓެންސީ ފާމެއް ކަމަށްވާ ގްރާންޓް ތޯންޓްން އިންނާއި ރިޔާސީ ކޮމިޝަނުންނާއި އެސްޓީއޯ އިން ހޯދުމަށް ވެސް ހުށަހެޅި އެވެ. ކޮމިޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ އަންނަ ހޯމަދުވަހު ބާއްވާ ބައްދަލުވުމަށް ވަޑައިގަންނަވާނީ ކޮމިޓީ އަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ސިޓީތައް ޑްރާފްޓުކޮށްގެން ކަމަށެވެ. މުސްތަފާގެ ގަރާރުގައި ބުނެފައިވަނީ އެއީ ކޮރަޕްޝަނާއި ވިޔަފާރީގެ ކުށްތަކުގެ ތެރޭގައި ހިމެނޭ މައްސަލައަކަށް ވުމާ އެކު، އެންމެ ފުޅާ ދާއިރާއެއްގައި ބަލައި ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. މުސްތޮފާގެ ގަރާރާ ބެހޭ ގޮތުން ޔާމީން ވިދާޅުވެފައިވަނީ މައުމޫނާއި އޭނާގެ މައްޗަށް އެ ތުހުމަތުތައް މި ސަރުކާރުން ކޮށްފައި ވަނީ ވަރަށް "ފިނޑިކޮށް" ކަމަށެވެ. އަދި ތިލަފަތުގެ އެއްކޮޅަށް 800 މިލިއަން ޑޮލަރަށް ވާ ވަރަށް ޑޮކިއުމަންޓް އެރުވިޔަސް ތުހުމަތުތައް ސާބިތުކޮށް ނުދެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ