ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލާފައިވަނީ އިންގިލާބަކުން ކަމަށް ނަޝީދު ވިދާޅުވާ ވިދާޅުވުމަށާއި އެކަމުގެ އަޑީގައި ހުންނެވީ ރައީސް މައުމޫނު އަބުދުލް ގައްޔޫމް ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަފުޅުތަކުގައި އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާކަމަށް މައުމޫނު ވިދާޅުވެއްޖެ އެވެ.
ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ނަޝީދުގެ ވެރިކަން ބަދަލުވެގެންދިޔައީ ބަޣާވާތަކުން ކަމަށާއި އެ ބަޣާވާތުގެ އަޑީގައި ހުންނެވީ ރައީސް މައުމޫނު ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅު ވިދާޅުވަމުންގެންދަވާތީ، މައުމޫނު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ގާނޫނު އަސާސީއާއި ގާނޫނާއި ހިލާފުގޮތަކަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން ނަޝީދު ވަކި ކުރެއްވުމަށްޓަކައި އެއްވެސް ބާވަތެއް ހަރަކާތެއް ހިންގަވައި އަދި އަމަލު ކުރައްވާފައި ނުވާނެކަމަށެވެ.
ގާނޫނު އަސާސީއާއި ގާނޫނާ ހިލާފަށް އަދި އިސްލާމްދީނާ ދުރަށް ދިވެހިން ގެންދިއުމަށްޓަކައި ނަޝީދުގެ ސަރުކާރުން ކުރަމުންގެންދިޔަ މަސައްކަތްތަކާ ދެކޮޅަށް އަޑު އުފުލި އެތައްހާސް ރައްޔިތުންގެ އަޑާއެކު މައުމޫނުގެ ޕީޕީއެމުން އަޑު ވެސް އުފުލާފައިވާނެކަމަށް މައުމޫނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ނަޝީދުގެ ވެރިކަން ބަދަލުކުރީ އިންގިލާބަކުން ނޫން ކަމަށާއި ނަޝީދު އިސްތިއުފާ ދެއްްވީ ހެޔޮހާލުކޮޅުގައި ކަމަށާއި އެކަން ކުރެއްވީ މީޑީޔާގެ ކުރިމަތީގައި ކަމަށާއި އިސްތިއުފާގެ ސިޓީ ލިޔުއްވާފައިވަނީ ވެސް އަމިއްލަފުޅަށް ކަމަށް މައުމޫނު ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.
ރައީސް ނަޝީދު މިހާރު ގެންދަވަނީ އެމެރިކާއަށް ވަޑައިގެން ވެރިކަން ބަދަލުވިގޮތުގެ މައުލޫމާތު އެ ގައުމުގެ މީޑިޔާތަކަށާއި އެމެރިކާ ސަރުކާރުގެ އިސްވެރިންނަށް ސާފުކޮށް ދެއްވަމުންނެ އެވެ.
ނަޝީދުގެ ވެރިކަން ބަދަލުކޮށްފައިވަނީ އިންގިލާބަކުން ނޫން ކަމަށް ވިދާޅުވެ މައުމޫނު ނަޝީދަށް ރައްދު ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ