ނަފްސާނީ ބަލިތަކުގެ ތެރެއިން ޑިޕްރެޝަން ނުވަތަ ހިތާމަކުރުމުގެ ބައްޔާއި ބެހޭގޮތުން ޑރ އައިޝަތު އަލީ ނާޒް ލިއުއްވާފައިވާ ފޮތެއް ނެރެފިއެވެ.
ދުނިޔޭގެ ނަފްސާނީ ބައްޔާއި ގުޅޭ ދުވަސް ފާހަގަ ކުރުމަށް މޯލްޑިވިއަން ސައިކޮލޮޖިކަލް އެސޯސިއޭޝަނުން ނަލަހިޔާ ހޮޓަލުގައި ރޭ ބޭއްވި ހަފްލާއެއްގައި ޑރ ނާޒް ލިއުއްވި ފޮތް ނެރުއްވާދެއްވީ އިންޑިއަން ހައިކޮމިޝަނަރ ޑީއެމް މުލޭ އެވެ.
ފޮތް ނެރެދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މުލޭ ވިދާޅުވީ މުޖުތަމައުގައި އުޅޭ އެންމެންގެ އެއްބާރުލުމާއި އެކު އެ މުޖުތަމައަކުން ސައިކޮލޮޖީގެ ބަލިމީހުން މަދުކުރެވޭނެކަމަށެވެ.
އަދި ކޮންމެ މުޖުތަމައެއްގައިވެސް ސައިކޮލޮޖީގެ ބަލިމީހުން ތިބޭނެ ކަމަށާއި، އެ މުޖުތަމައެއްގެ މީހުން މިކަމާއި އިސްނަގައި އެމީހުންނަށް އެއްބާރުލުން ދީ ފަރުވާ ކުރެވިއްޖެ ނަމަ މިކަމަށް ކޮންމެވެސްވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށާއި ނަމަވެސް މުޖްތަމައުގެ މާހައުލުގެ ސަބަބުންވެސް ނަފްސާނީ ބަލިތައް ޖެހުމަށް މަގުފަހިވެގެންދާކަމަށް މުލޭ ވިދާޅުވިއެވެ.
"ކޮންމެ ފަރުދަކަށް ވެސް ދިމާވާ ކަންތައް ތަކުގައި އެހެން މީހުންވެސް ބައިވެރިވެ އަޅާލާ، ހަމަނުޖެހުންތަށް މަދު މުޖުތަމައަކާއި އާއިލާގެ މެދުގައި އުފާވެރި ކަން ފެންނަ ކަހަލަ މުޖުތަމައެއް އުފެއްދުމަށް" މުލޭ ގޮވައިލެއްވިއެވެ.
ސައިކޮލޮޖިކަލް އެސޯސިއޭޝަންގެ ފައުންޑާ މެންބަރު އަދި ހިތާމަކުރުމުގެ ބަލި މިފޮތުގެ މުސައްނިފް ޑރ ނާޒް ވިދާޅުވީ ރާއްޖޭގައި ސައިކޮލޮޖީއަށް ހިދުމަތް ދޭންތިބޭ މީހުންނަށްވުރެ ހިދުމަތް ބޭނުންވާ މީހުން ނިސްބަތުން ވަރަށް ގިނަކަމަށެވެ. އަދި ސައިކޮލޮޖީއަކީ ބަލި ދެނެގަނެ ބަލީގެ ކުރީކޮޅު ފަރުވާ ކުރެވިއްޖެ ނަމަ ފަސޭހަވާނެ ބައްޔެއް ކަމަށާއި ނަމަވެސް ސައިކޮލޮޖީ ކިޔަވައިގެން ހިދުމަތަށް ނިކުންނަ ކުދިން ރާއްޖޭގައި އެކަށީގެންވާވަރަށްވުރެ މަދުކަމަށްވެސް ޑރ ނާޒް ވިދާޅުވިއެވެ.
ޑރ އައިޝަތު އަލީ ނާޒްއާއި ޢާއިޝަތު ޖިނާން އިބްރާހިމް ލިއުއްވާފައިވާ ހިތާމަކުރުމުގެ މިފޮތުގައި ޑިޕްރެޝަން ނުވަތަ ހިތާމަކުރުމުގެ ބައްޔަކީ ކޮބައިކަމާއި، މިބަލި ދެނެގަންނާނެގޮތާއި ހިތާމަކުރުމުގެ ބައްޔާއިމެދު ގެންގުޅޭ ބައެއް ކުށްހީތަކާއި، މިބަލީގެ ބަވަތްތަކާއި، މިބަލިޖެހެނީ ކިހިނެއްކަމާއި ދިރިއުއުޅުގެ ތަފާތު މަރުހަލާތަކުގައި މިބަލި ހުންނާނެގޮތާއި ބަލީގެ ގުރޫޕްތަކުގެ އިތުރުން ހިތާމްކުރުމުގެ ބައްޔަށް ދެވޭނެ ފަރުވާތައްވެސް ލިއުއްވާފައިވެއެވެ.
މިފޮތް ސްޕޮންސަރ ކުރައްވާފައިވަނީ ހ ސީސައިޑް މުހައްމަދު އަލީ ޖަހާޙްއާއި މިޕްސްޓަރ ޕްރައިވެޓް ލިމިޓެޑުންނެވެ.
ޑރ އައިޝަތު އަލީ ނާޒްގެ \"ހިތާމަކުރުމުގެ ބަލި\" ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ