ރިޔާސީ އިންތިޚާބަކީ ޝަރުއީ ނިޒާމުގެ އިސްލާހަށް އެޅޭނެ ފިޔަވަޅެއް ބާ؟
ރާއްޖޭގެ އައު ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށުމާ އެކު ތިން ބާރު ވަކިވެގެން ދިޔައިރު އެންމެ ގިނަ ބައެއްގެ ފާޑުކިޔުން މިއަދާ ހަމައަށް ވެސް އެންމެ ބޮޑަށް އަމާޒުވަނީ ރާއްޖޭގެ ޝަރުއީ ދާއިރާއަށެވެ. ރާއްޖޭގެ އެ ދާއިރާ އޮތީ ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއްގައި ކަމަށް ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް ދަނީ ބުނަމުންނެވެ. ހަގީގަތަށް ބުނާ ނަމަ ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާ އެންމެ ބޮޑަށް ގުޅިފައިވާ އަދުލު އިންސާފުގެ ދާއިރާއާ މެދު ރައްޔިތުންގެ އިތުބާރު ކުޑަ އެވެ. ސިޔާސީ ވެރިންގެ ވިސްނުން ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއްގައި އޮތް ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރުމުގެ ވާހަކަ އެންމެ ގަދައަށް ދެއްކީ އަދި މިހާރުވެސް ދައްކަނީ އެމްޑީޕީންނެވެ. އެ ވާހަކަ އެންމެ ބޮޑަށް ގަދަވެގެން ދިޔައީ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ސަރުކާރާއި ކޯޓުތަކާ ދެމެދު އުފެދުނު މައްސަލަތަކެއްގައި ކަމަށް ވާއިރު އެ ކޯޅުމުގެ ތެރޭގައި ޝަރުއީ ދާއިރާ އަށް އަމާޒުވި ފާޑުކިޔުންތައް އޭރުގެ އިދިކޮޅު ފަރާތްތަކުން ބަލައިގަތީ އެމްޑީޕީން ބޭނުންހާ ގޮތަކަށް ކަންތައް ނުކުރެވިގެން ދައްކާ ވާހަކަތަކެއްގެ ގޮތުގަ އެވެ. ޕީޕީއެމަކީ ކުރީއްސުރެ ޝަރުއީ ދާއިރާގެ ދިފާއުގައި ވާހަކަ ދައްކަމުންދާ ޕާޓީތަކުގެ ތެރެއިން ޕާޓީއެކެވެ. ޖުޑިޝަރީ އަށް ބަޔަކު ފާޑުކިޔާ ކޮންމެ ފަހަރަކުހެން ދިފާއުގައި ޕީޕީއެމުން ނިކުމެ އެވެ. ނަމަވެސް އެ ޕާޓީގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ވަރަށް ފަހުން ޖުޑިޝަރީގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެކަމަކު އެއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް، ގާޒީއަކު ހައްޔަރުކުރި މައްސަލާގައި ހިންގާ ޝަރީއަތް ރިޔާސީ އިންތިހާބުގެ ކުރިން ނުނިމުމުން ދެއްކެވި ވާހަކަތަކެއްގެ ގޮތުގައި ފެނެ އެވެ. ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަކީ ޖުޑިޝަރީގައި ހުރި ގޯސް ވާހަކަތައް މާ ގިނައިން ދައްކަވާ ބޭފުޅެއް ނޫނެވެ. ބަދަލުގައި އެމަނިކުފާނަކީ ޖުޑިޝަރީގެ ދިފާއުގައި ވަރަށް ގިނައިން ވާހަކަ ދައްކަވާ ބޭފުޅެކެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ޖިންސީ އަމަލުތައް ކަމަށް ތުހުމަތުކުރެވޭ ވީޑިއޯގެ މައްސަލަ ތަހުގީގުކޮށް ނުނިމެނީސް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރެއްގެ ގޮތުގައި އިންނަވައިގެން އެ ވީޑިއޯ އަކީ ހަދާފައިވާ އެއްޗެއްގެ ގޮތުގައި ސިފަކުރެއްވުމެވެ. ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ މިދިޔަ ދުވަސްކޮޅަކީ ޖުޑިޝަރީއާ މާ ބޮޑެތި ކޯޅުންތަކެއް ނެތް ދުވަސްތަކެކެވެ. އެ ދާއިރާގެ ވާހަކަ މާ ބޮޑަށް ރައީސް ވަހީދު ނުދައްކަވަ އެވެ. ފަހަރެއްގައި އެއީ ނަޝީދުގެ ސަރުކާރުގެ ނިމުމަކީ ކޯޓުތަކާއި ސަރުކާރު ޖެހި، ސަލާމަތީ ބާރުތައް މެދުވެރިކޮށް ގާޒީއަކު ހައްޔަރުކުރުން ކަމަށް ވާތީ ކަމުގައި ވެސް ވެދާނެ އެވެ. ބާރު އޮތީ ރައްޔިތުންގެ މަޖިލިހުގައި ސިޔާސީ ފަރާތްތަކުން ޖުޑީޝަރީއާ މެދު ދައްކާ ވާހަކަތަކަށް ރިއާޔަތްކުރައްވައި ޖުޑީޝަރީގެ ބޭފުޅަކު ވިދާޅުވީ މި ދާއިރާ އިސްލާހުކުރުމަށް ސިޔާސީ ފަރާތްތަކުން ބޭނުންވާ ނަމަ އެންމެ ބޮޑަށް މަސައްކަތްކުރެވޭނީ ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. "މިސާލަކަށް ބަލަމާ ހިނގާ ޖޭއެސްސީގެ މައްސަލަ. އެންމެން ވެސް އެބަ ގަބޫލުކުރެވޭ އެ ތަން އެކުލަވާލާފައި އޮތް ގޮތުންކަން ގިނަ މައްސަލަތައް މި ކުރިމަތިވަނީ. އެކަން ބަދަލުކުރެވެން މި އަންނަނީ ގާނޫނު އަސާސީ އާއި ގާނޫނުތައް އިސްލާހުކޮށްގެން. އެކަމަކު ސިޔާސީ މީހުން މި ހުރިހާ ދުވަހަކު ވެސް ޖޭއެސްސީ އަށް އެއްޗެހި ގޮވުން ނޫން ކަމެއް ނުކުރެ. އެއްވެސް ބަޔަކު އިސް ނަގައިފައެއް ނެތް ޖޭއެސްސީ އަށް އިސްލާހީ ބަދަލެއް ގެންނާކަން،" އޭނާ ވިދާޅުވި އެވެ. ގާޒީއަކު ވިދާޅުވީ އާ ގާނޫނު އަސާސީގެ ފޮނި މީރުކަން ނުލިބޭ އެންމެ ބޮޑު ސަބަބަކީ އެ ގާނޫނު އަސާސީގެ ދަށުން ހަދަން ޖެހޭ ގާނޫނުތައް ނެތުން ކަމަށް ސިޔާސީ ފަރާތްތަކުން ވެސް ގަބޫލުކުރާ ކަމަށާއި އެހެން ކަމަށްވާ ނަމަ ގާނޫނުތައް އަވަހަށް ފާސްކޮށްދިނުމަކީ ޝަރުއީ ދާއިރާ އަށް ހެޔޮ ބަދަލެއް ގެންނަން ބޭނުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮށްދެވޭނެ ކަންތައް ކަމަށެވެ. ކޯޓުތަކުގެ ޖާގައިގެ ދަތިކަމާއި ބަޖެޓްގެ ތާށިކަން ހައްލުކޮށްދިނުމަށާއި އިދާރީ އެހެނިހެން ކަންކަން ހަމަޖެއްސުމުގައި އެއްބާރުލައިގެން މަސައްކަތްކުރާ ނަމަ އެ ދާއިރާގެ ކިތަންމެ ކަމެއް ހެޔޮ ގޮތްތަކަށް ބަދަލުވާނެ ކަމަށް "ހަވީރާ" ވާހަކަދެއްކެވި ގާޒީއަކު ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ބާރެއް ނެތް އޭނާ ވިދާޅުވީ ގާނޫނު އަސާސީ އޮތް ގޮތުން، ރައީސުލް ޖުމްހޫރިއްޔާ އަކީ ޖުޑީޝަރީގެ ކަންކަމާ ސީދާ ގޮތުން ބާރެއް ނެތް ބޭފުޅެއް ކަމަށާއި އެހެންވެ ރިޔާސީ އިންތިހާބުގެ ނަތީޖާއާ ޖުޑީޝަރީގެ އިސްލާހާ މާ ބޮޑު ގުޅުމެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. "ސިޔާސީ މީހުންގެ ފަރާތުން މި ފެންނަނީ ސިޔާސީ ހަމަލާތައް ޖުޑީޝަރީ އަށް ދޭތަން އެކަނި. ހުރި މައްސަލަތައް ހައްލުކުރަން އުޅުމުގެ ބަދަލުގައި ވަރަށް ޒާތީކޮށް ކަންތައް ކުރާތީ ފެންނަނީ. އެހެންވެ ހިއެއް ނުވޭ މިހާރު ސިޔާސީ މީހުންގެ ވިސްނުން ހުރި ގޮތަށް ބަލާއިރު އެއްވެސް ބައެއްގެ އިހްލާސްތެރިކަމެއް ހުރި ކަމަކަށް. ބޮޑަށް ފެންނަނީ ކޮންމެ ބަޔަކު ވެސް އެ ބައެއްގެ ބާރު ޖުޑީޝަރީ ތެރޭގައި ބޭއްވުމަށް މަސައްކަތްކުރާތަން. ކޮންމެ ބަޔަކު ވެސް އެ ބަޔަކު ބޭނުން ގޮތެއް ނުވާ ފަހަރު ކޯޓުތައް އޮންނަނީ ގޯސްވެފަ،" ސުޕީރިއާ ކޯޓެއްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖުޑީޝަރީ އިސްލާހުކުރުމުގެ ނަމުގައި ޖުމްލަ ގޮތެއްގައި ފެންނަނީ ސިޔާސީ ވާހަކަ ދައްކާ އަޑު ކަމަށާއި ސިޔާސީ ގޮތުން އެ ދާއިރާ އަށް ގެނެވޭނެ އިސްލާހެއް ނޯންނާނެ ކަމަށެވެ. "ސުޕްރީމް ކޯޓާއި އެހެން ބައެއް ކޯޓުތަކަށް ފަނޑިޔާރުން ނެގުމުގައި ސިޔާސީ ޕާޓީތަކުން ބައި އަޅައިގެން އެކަން ކުރި ކަމަށް ދެކެވޭ ވާހަކަ އަކީ ވަރަށް ރަނގަޅު މިސާލެއް. އެގޮތަށް އެކަމެއް ނުވާނެ. ބޭނުންވަނީ ސިޔާސީ މީހުން ރުއްސާކަށް ނޫން. ރައްޔިތުންގެ އިތުބާރު ހޯދުން. އެ އިތުބާރު ލިބޭ ފަދަ ނަތީޖާތަކެއް ނެރެވޭ ފަދަ ޖުޑީޝަރީއެއް ގާއިމުކޮށްދިނުން،" އޭނާ ވިދާޅުވި އެވެ. އިންތިޚާބުން ކުރާނެ އަސަރު ޖުޑިޝަރީއާ ސީދާ ބެހުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ނެތް ނަމަވެސް ރިޔާސީ އިންތިޚާބު ކާމިޔާބުކުރާ ފަރާތަކުން ރާއްޖޭގެ ޝަރުއީ ނިޒާމް ރަނގަޅުކުރަން ކުރެވޭނެ ކަންކަން ހުންނާނެ އެވެ. އެހެންކަމުން އަދުލްއިންސާފު ލިބުން އަވަސްވާނެ ގޮތްތައް ގާއިމްކޮށްދިނުމުގެ ސިޔާސަތު ބައެއް ކެންޑިޑޭޓުންގެ އެބަ ހުއްޓެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ އަގުލަބިއްޔަތު ހޯދިއްޖެ ނަމަ ދެން އަންނަ ސަރުކާރަކަށް ވަރަށް ބޮޑެތި އެހީތަކެއް، މިހާރުގެ މިނިވަން މުއައްސަސާތަކާއި ޝަރުއީ ނިޒާމް ރަނގަޅުކުރަން ލިބޭނެ އެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ އާއި އާންމު އިންތިޚާބުގެ ގޮނޑިތައް ބެހޭނެ ގޮތަކީ ޖޭއެސްސީގެ މިހާރުގެ ފޯމޭޝަން ބަދަލުކުރުމާއި ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުމާއި މުޅި ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނެވޭނެ ފުރުސަތަކަށް ވުން ދުރެއް ނޫނެވެ. ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އާ ގާނޫނު އަސާސީގެ ދަށުން ރިޔާސީ ދެ ވަނަ އިންތިޚާބު ބާއްވާ އިރު އެ އިންތިޚާބު ކާމިޔާބުކުރައްވާ ފަރާތަކަށް މިދިއަ ފަސް އަހަރުގެ ތަޖުރިބާގެ ބޭނުންކުރެއްވޭނެ އެވެ. އެގޮތުން ޝަރުއީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މިދިއަ ފަސް އަހަރުގެ ތާރީޚުން އިބުރަތް ހޯއްދެވޭނެ ކަމަށް ބައެއް ވަކީލުން ވިދާޅުވެ އެވެ. އެކަމަކު އެއީ ރައްޔިތުންގެ މަޖިލިހުގެ ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ. ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ހިންގޭނީ ދައުލަތުގެ ތިން ބާރު ވެސް އޭގެ ގޮތުގައި މަސައްކަތް ކޮށްގެންނެވެ. އެ ތިން ބާރުގެ ތެރެއިން އެންމެ ބާރެއް ވެސް ނިކަމެތި ވެއްޖެ ނަމަ އެކަމުގެ ނޭދެވޭ ނަތީޖާ ގައުމުގެ އެކި ދިމަދިމާލުން ފެންނާނެ އެވެ. އެހެންވެ ޖުޑީޝަރީ އިސްލާހުކޮށް، މައްސަލަތައް ހައްލުކޮށްދެވޭނެ ސިޔާސީ ހިތްވަރެއް ބޭނުންވެ އެވެ. އެކަމަކު ސިޔާސީ ގޮތުން މިވީހާ ތަނަށް ވެސް ފެނިފައި ވަނީ އިހްލާސްތެރިކަމެއް ނެތް ގޮތުގައި ހުސް ވާހަކަތަކެއް ޖުޑީޝަރީއާ މެދު ދައްކާ ތަނެވެ. އެކަން ބަދަލުވާ ގޮތެއް އެނގޭނީ ރިޔާސީ އިންތިޚާބާއި އާންމު އިންތިޚާބު ވެސް ނިމުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ