އިންގްލެންޑް ކަޓުވާލުމަށް ފަހު ދެކުނު އެފްރިކާ ސެމީ އަށް

ޗިޓަގޮންގް (މާޗް 30) - ޓްވެންޓީ 20 ވޯލްޑް ކަޕްގައި ރޭ އިންގްލެންޑް އަތުން ތިން ލަނޑުން މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލުން ދެކުނު އެފްރިކާ ޖާގަ ހޯދައިފި އެވެ. މި މެޗުން ބަލިވުމުން 2010 ވަނަ އަހަރުގެ ޗެމްޕިއަން އިންގްލެންޑް ވަނީ މުބާރާތުން ކަޓައިފަ އެވެ. ގުރޫޕް އެކެއްގެ މެޗުގައި ދެކުނު އެފްރިކާ އިން ފުރަތަމަ ކުޅެންއަރައި 20 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް 196 ލަނޑު ހެދި އެވެ. އޭބީ ޑެވިލިއާސް ނުބައިނުވެ 69 ލަނޑު ހެދިއިރު، ހާސިމް އަމްލާ ވަނީ 56 ލަނޑު ހަދައިފަ އެވެ. އިންގްލެންޑަށް 20 އޯވަރުގެ ތެރޭގައި ހަތް ވިކެޓަށް ހެދުނީ 193 ލަނޑެވެ. ދެކުނު އެފްރިކާގެ ވޭން ޕެރަލް ވަނީ 31 ލަނޑަށް ތިން ވިކެޓު ނަގައިފަ އެވެ. ދެކުނު އެފްރިކާ އަކީ މިހާތަނަށް މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކުރި ދެވަނަ ޓީމެވެ. ގުރޫޕް ދޭއްގެ އިންޑިއާ ވެސް ވަނީ މުބާރާތުގެ ސެމީން ޖާގަ ހޯދައިފަ އެވެ. "މި މެޗުގައި ކުޅުންތެރިން ވަރަށް މޮޅު ކުޅުމެއް ދެއްކި،" މެޗަށް ފަހު ޑެވިލިއާސް ބުންޏެވެ. "ފީލްޑް ކުރަން އުނދަގޫ ހާލަތެއްގައި ކުޅެންޖެހުނީ. އެހެން ނަމަވެސް އުކުންތެރިން ވަނީ ވަރަށް ރަނގަޅަށް އެ ކުޅުންތެރިންގެ ޒިންމާ އަދާކޮށްފައި." އިންގްލެންޑްގެ ކެޕްޓަން ސްޓުއާޓް ބްރޯޑް ބުނީ މުބާރާތުން އަލްވަދާއު ކިޔަންޖެހުމަކީ އިންގްލެންޑްގެ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެއް ކަމަށެވެ. "ވަރަށް ފޯރިގަދަ މެޗެއް ފެނިގެން މިދިޔައީ. ކުޅުންތެރިންނަށް ތައުރީފް ހައްގު. އެކަމަކު މެޗުގެ ނަތީޖާ ނުކުތް ގޮތުން ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްދަތިކަމެއް ވަނީ ލިބިފައި،" ބްރޯޑް ބުންޏެވެ. ގުރޫޕް އެކެއްގެ ފަހު މެޗުގައި މާދަމާ ބައްދަލުކުރާނީ ނިއު ޒިލޭންޑާއި ސްރީލަންކާ އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ސެމީން ޖާގަ ލިބޭނެ އެވެ. ގުރޫޕް ދޭއްގައި މިއަދު ކުޅޭ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ނުކުންނާނީ ބަންގްލަދޭޝް އެވެ. މި މެޗުން، 2009 ވަނަ އަހަރުގެ ޗެމްޕިއަން ޕާކިސްތާން މޮޅުވެއްޖެ ނަމަ، މި ގުރޫޕުން ސެމީގެ ޖާގަ ލިބޭ ދެވަނަ ޓީމެއް އެނގޭނީ މި ގުރޫޕްގައި ޕާކިސްތާނާއި ވެސްޓް އިންޑީސް ބައްދަލުކުރާ މެޗުންނެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ