ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓުން ނިޔާ އިއްވުމުން ކެންޔާގައި މުޒާހަރާ ފަށައިފި

މާޗްމަހު ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ އޮހޯރޯ ކެންޔައްޓާ ކަމަށް އެޤައުމުގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މުޒާހަރާ ފަށައިފި އެވެ.
ކެންޔާގެ ބޮޑު ވަޒީރު ރަލިއާ އޮޑިންގާއަށް ތާއީދުކުރާ ފަރާތްތަކުން ނުކުމެ ފެށި މި މުޒާހަރާގައި، ފުލުހުންނާ ޒުވާނުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ފުލުހުން ޖެހި ބަޑީގެ ސަބަބުން ދެމީހަކު ޒަޚަމްވެފައިވާ ކަމަށް ޚަބަރު ލިބެ އެވެ. ފުލުހުން މުޒާހަރާ ރޫޅާލާފައިވާއިރު، އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައި ކިސޫމޫގެ މަގުތަކަށް ނުކުމެ ވެހިކަލްތަކަށް ހަމަލާދިން ހަމަނުޖެހުންތަކުގައި އެތައް ބަޔަކު ޒަޚަމްވެފައި ވެސް ވެއެވެ.
މާޗްމަހުގެ ހަތަރު ވަނަ ދުވަހު ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބަކީ އިންސާފުވެރި އަދި ނަޒާހަތްތެރި އިންތިޚާބެއް ކަމަށާއި އެ އިންތިޚާބު ކަމިޔާބު ކުރައްވާފައިވަނީ އޮހޯރޯ ކެންޔައްޓާކަމަށް އެޤައުމުގެ ސުޕްރީމް ކޯޓުން އިއްޔެ ވަނީ ނިންމާފަ އެވެ.
އިންތިޚާބުގެ ސައްޙަ ކަމާބެހޭ ގޮތުން އެ އިންތިޚާބުގައި ބަލިވެވަޑައިގެންނެވި ރައިލާ އޮޑިންގާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެ ކޯޓުން ކުރި ޙުކުމްގައި ބުނެފައި ވަނީ ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ރައިލާ އޮޑިންގާ ހުށަހެޅުއްވި މައްސަލަ ސާބިތުކޮށްދެވޭވަރުގެ ހެކި ދެއްކިފައިނުވާ ކަމަށާއި އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ އޮހޯރޯ ކެންޔާޓާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ މި ހުކުމާއި ގުޅިގެން އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް ނުހިންގުމަށް އެޤައުމުގެ ރައީސް މުވާއީ ކީބާކީ ވަނީ އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅޫންނަށާއި އެބޭފުޅުންނަށް ތާއީދު ކުރާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފަ އެވެ.
މީގެކުރިން ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް އޮޑިންގާ ވަނީ ނާކާމިޔާބުވެ ވަޑައިގެންފަ އެވެ. އެއިންތިޚާބުގައި އޭނާ ނާކާމިޔާބުވެވަޑައިގަތުމާ އެކު ކެންޔާގައި ހިނގި ހަމަނުޖެހުންތައް އެތަށް މަސްތަކަކަށް ދިގުދެމިގެންގޮސް 150 އަށްވުރެ ގިނަ މީހުން މަރުވެ މާއްދީ އެތައް ގެއްލުމެއް ކެންޔާއަށް ލިބުނެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ