އިއްތިހާދު ޕާޓީގެ 3000 ފޯމް ގެއްލިފައެއް ނޯންނާނެ: އިލެކްޝަންސް

ގައުމީ އިއްތިހާދު ޕާޓީ އިން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި 3000 ފޯމް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އެ ޕާޓީ އިން މިއަދު ބުނެފައިވީ ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެކަން ދޮގުކޮށްފި ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް މުހަންމަދު ފަޔާޒް ހަސަން މިއަދު ސަން އޮންލައިނަށް ވިދާޅުވީ ގައުމީ އިއްތިހާދު ޕާޓީ އާއި ގައުމީ ޕާޓީގެ ފޯމްތަކެއް ޝޯޓްއައުޓް ކުރުމުގައި އޮޅުން އެރި ކަމަށާއި ނަމަވެސް އެއީ 3000 ފޯމް ނޫން ކަމަށާއި އަދި އެކަން ރަނގަޅުކޮށް އެ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބަސް އެހެން ހުރިއިރު ރައީސްލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓިގެ ކައުންސިލް މެމްބަރު އައިމިނަތު އަލީ ވިދާޅުވީ އެ ޕާޓީ އަށް ވަނުމަށް ހުށަހަޅާފައި ހުރި ފޯމްތަކުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި 3000 ފޯމަށް ވީނުވީއެއް ނޭގި ގެއްލިފައިވާ ކަމަށާއި އެފޯމްތަކަށް އެހެންވީ ކީއްވެކަމެއް އިލެކްޝަން ކޮމިޝަނުން ނުބުނާ ކަމަށެވެ.
"އިލްކެޝަން ކޮމިޝަނަށް ހުށައެޅި 3000 ފޯމް ވަނީ ވީގޮތެއް ނޭންގި ގެއްލިފައި. ދެން އެކަން ސާފުކުރުމަށް އިލެކްޝަނަށް ސިޓީ ފޮނުވާ އިރު އެއްކަލަ 3000 ފޯމަށް ވީގޮތެއް ހަމަ އެއްގޮތަކަށް ވެސް ނޯވޭ އެނގޭކަށް. އެ މައްސަލާގައި އިލެކްޝަނާ ބައްދަލުވެސް ކުރިން. ނަމަވެސް އެބޭފުޅުންނަކަށް އެކަށީގެންވާ ޖަވާބެއް ނުދެއްވުނު،" އާމިނަތު އަލީ ވިދާޅުވި އެވެ.
އައިމިނަތް އަލީ ވިދާޅުވީ އެ ޕާޓީއަކީ އުވިގެންދާނެ ޕާޓިއެއް ނޫން ކަމަށާއި އެ ޕާޓީ އަށް މެމްބަރުން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ގައުމީ އިއްތިހާދް ޕާޓީ އާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ފޯމްތަކެއްގެ މައްސަލާގައި ދެބަސްވުމަކަށް އައިސްފައިވާ އިރު އިލެކްޝަންސް ދަފްތަރުގައި ގައުމީ އިއްތިހާދު ޕާޓީގައި މިވަގުތު ތިބީ 4012 މީހުންނެވެ. އަދި ޕެންޑިންގައި ހުރީ 787 ފޯމެވެ.
ރައްޔިތުން މަޖިލީހުން އިއްޔެ ފާސްކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ބިލް ބުނާގޮތުގައި އެޕާޓިއެއްގެ ރަޖިސްޓުރީގައި 10000 މީހުންނަށްވުރެ މަދު މީހުން ތިބޭ ޕާޓީތަށް އުވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ