އަޅުގަނޑާ ދެކޮޅަށް އެއްލާ އެތިފަހަރުގެ ބަސްމަގު، ހަރުކަށި ފިކުރަށް ހިތްވަރު ދޭތީ ކަންބޮޑުވޭ: ނަޝީދު

ޣައިރު ދީންތަކުގެ ޝިޔާރުތައް ފަތުރާ ކަމަށް ބުނެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް “ރައްޔިތުންގެ އިއްތުހާދު” ކިޔާ ބަޔަކު ފުލުހުންނަށް މައްސަލަ ހުށަހެޅުމާ ގުޅިގެން އެމަނިކުފާނު އެކަމަށް ރައްދުދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުވެރިކުރައްވައި ރައީސް ނަޝީދު މިރޭ ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެމަނިކުފާނަކީ އިސްލާމް ދީނުގެ އަސާސްތަކާ ހިލާފަށް އުޅޭ މީހެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތްކުރާތާ މިހާރު އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި އެމަނިކުފާނާ ދެކޮލަށް ރައްދުކުރާ އެފަދަ ބަސްތަކާ ނުލައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ބަހުސެއްވެސް ނުކުރެވޭ ދަރަޖައަށް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑާ ދެކޮޅަށް އެއްލާ އެތިފަހަރުތަކުގެ ބަސްމަގު، ހަރުކަށި ފިކުރުގެ މީހުން ހިތާވާ ރާގަށް އަނބުރަމުން ދާތީ ކަންބޮޑުވާތާ ދުވަސްކޮޅެއް ވެއްޖެ” ބަޔާނުގައި ވެއެވެ.
ނަޝީދު ވިދާޅުވީ އެފަދަ ބަސްމަގާއި ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުންނަށް ލައްވައިދޭ ބަސްމަގާ އެއް މަގަކުން ދާތާ ދުވަސްގަނޑެއް ވެއްޖެ ކަމަށާއި، އެފަދަ ވާހަކަތަކުގެ ހަމައެކަނި މަގުސަދަކީ އެމަނިކުފާޏުގެ ޖާނަށް ނުރައްކާ ދިނުން ކަމަށެވެ.
އޭގެ އިތުރުން، ލާދީނީ މީހެއް ކަމަށް ބުނެ ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އެޅާނެކަމަށް އުންމީދުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ އިއްތިހާދު ފުލުހުންނަށް ހުށަހަޅާފައި ވަނީ 2020 ވަނަ އަހަރު ނަޝީދު ކްރިސްމަސްގެ ތަހުނިޔާ ފާޅުކޮށް އާންމުކުރި މައްސަލައާއި މިދިޔަ އަހަރުވެސް އަނެއްކާ ކްރިސްމަސްގެ ތަހުނިޔާ ކިޔުން ތަކުރާރުކޮށް ފޮޓޯ އާންމު ކޮށްފައިވާތީ، އެ މައްސަލަ ބަލައިދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ