އަސްލެއް ނެތް ވާހަކަތަކެއް ލިޔެފައިވަނީ ގާސިމް އިބްރާހީމްގެ އަގުވައްޓާލަން: ވިލާ ކުންފުނި

ރާއްޖޭގައި ހިންގާ ބައެއް އޮންލައިން ނޫސްތަކުގައި ގާސިމް އިބްރާހީމްގެ ވިލާ ގްރޫޕްގެ ކުންފުނިތަކުން، ކޮރަޕަޝަންގެ އަމަލު ހިންގައި މަނީ ލޯންޑަރ ކުރާކަމަށް ލިޔެފައިވާ ޚަބަރުތަކަކީ އެއްވެސް އަސްލެއް ނެތް ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެކުންފުނިން މިހެން ބުނެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން ކޮރަޕްޝަނުގެ އަމަލު ހިންގައި، އެ އަމަލުގެ ތެރެއިން ލިބޭ ފައިސާ ވިލާ ގްރޫޕްގެ އެކި ވިޔަފާރިތަކަށް ބޭނުންކޮށް މަނީ ލޯންޑރ ކުރަމުން އަންނަ ކަމުގެ ތުހުމަތުކޮށް ބައެއް އޮންލައިން ނޫސްތަކުން ލިޔަމުންދާ ޚަބަރު ތަކާ ގުޅިގެން ނެރުނު ބަޔާނުގައެވެ.
މީގެ 35 އަހަރުކުރިން ވިލާ ކުންފުނި އުފެއްދެވި ހިސާބުން ފެށިގެން ގާސިމް އިބްރާހީމް ތެލުގެ ވިޔަފާރި ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ، ބަޔާނުގައި ބުނެފައިވަނީ ތެލާއި، ގޭހާއި ސިމެންތިއާއި، އިމާރާތްކުރުމަށް ބޭނުންވާ ސާމާނާއި އާންމު މުދަލުގެ ހޯލްސޭލް އަދި ރީޓެއިލް ކުރުމުގެ ވިޔަފާރި އަކީ ޓޫރިސްޓް ރިޒޯޓްތައް ހިންގަން ފެށުމުގެ ކުރީއްސުރެ ވިލާ ގްރޫޕުން ކުރަމުން އަންނަ ވިޔަފާރިއެއް ކަމަށެވެ.
އަދި، ވިލާ ގްރޫޕްގެ ކުންފުނިތަކުން އަބަދުވެސް ވިޔަފާރި ކުރަނީ ގާނޫނާއި ގަވާއިދުތަކާ ބައިނަލްއަގުވާމީ އުސޫލުތަކާއެއްގޮތަށް ކަމަށާއި، ބައިނަލްއަގްވާމީ ވިޔަފާރީގެ މުޢާމަލާތްތަކުގައި ވިލާ ގްރޫޕްގެ ކުންފުނިތަކުން ކުރާ ހުރިހާ ފައިސާގެ މުއާމަލާތްތަކަކީ ބޭންކިން ސިސްޓަމްގެ ތެރެއިން ގަވާއިދުން ކުރަމުން އަންނަ މުއާމަލާތްތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ. އެގޮތުން، އެކުންފުނިން ކޮށްފައިވާ އެންމެހާ މުޢާމަލާތްތައް ކަމާބެހޭ އިދާރާތަކުގައި ފެންނަން ހުންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން، އެކުންފުނިން ބުނީ ވިލާގެ ޗެއަރމަން ގާސިމް އިބްރާހީމް ސިޔާސީ ގޮތުން ކުރައްވާ މަސައްކަތްތަކުގެ ސަބަބުން އެމަނިކުފަނުގެ އަގު ވައްޓާލުމުގެ ގޮތުން، ސިޓީއެއްގައި ހުރި ވާހަކަތަކެއް ކަމަށްބުނެ އެފަދަ ހަގީގަތާ ޚިލާފު ވާހަކަ ފަތުރާ ވިލާ ގްރޫޕްގެ ވިޔަފާރިތަކަށް ހުރަސް އަޅާ ގެއްލުން ދިނުމުގެ ނުބައި ނިޔަތުގައި ކުރާ އެފަދަ ކަންކަން ހުއްޓާލުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ވިޔަފާރި ކުރުމަށް ބޭނުންވަނީ މަސައްކަތާއި، ހިތްވަރާއި މައުލޫމާތާއި މޮޅު ވިސްނުންކަމަށާއި، ހަގީގަތާ ޚިލާފް ވާހަކަ ފަތުރައި އެހެން ވިޔަފާރިތަކަށް ހުރަސްއެޅުން ނޫންކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ. އަދި، އެ ކުންފުނީގެ ވެރިންނާއި މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ އެންމެހައި މަސައްކަތެއް އެ ގްރޫޕްގެ ކުންފުނިތަކުން ކުރާނެ ކަމުގައިވެސް ބަޔާނުގައިވެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތައްވުރެ ބޮޑު ހިޔާނާތެއް ހިންގަވާކަމަށް ބުނެ "ދިޔަރެސް" ކިޔާ އޮންލައިން ނޫހަކުންވަނީ ވިލާ ކުންފުންޏަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން، ވިލާގެ އެމްޑީގެ އަމިއްލަ ކަންކަމަށް ލޯންޑަރ ކޮށްފައިވާ ކަމަށް ބުނާ ފައިސާ ބޭނުންކުރައްވާ ކަމަށާއި، އެކަންކަން ވިލާގެ ޗެއަރމަން ގާސިމް އިބްރާހީމަށް އެނގިވަޑައިގަންނަވާކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ފަހަކަށް އައިސް ބައެއް އޮންލައިން ނޫސްތަކުންނާއި، ސިޔާސީ ބޭފުޅުން ވިލާ ކުންފުނީގެ ޗެއަރމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމާއި ގުޅުވައިގެން މިފަދަ ވާހަކަ ފަތުރަން މަސައްކަތްކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
އެކަމާ ގުޅޭގޮތުން ޖުމްހުރީ ޕާޓީގެ އިސްތަރުޖަމާނު، އަލީ ސާލިހް ވިދާޅުވެފައިވަނީ މިކަމަކީ ވަކި ބަޔަކަށް މަންފާތަކެއް ހޯދައިދީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި ގާސިމް އިބްރާހިމްގެ ނަންފުޅު ކިލަނބުކުރުމަށްޓަކައި ބަޔަކު ކުރާ މަސައްކަތެއް ކަމަށާއި، މި މައްސަލައިގެ އަސްލަކީ އެމަނިކުފާނު ކުރިއަށްއޮތް ތަނުގައި ސިޔާސީގޮތުން ބާރުވެރިވެދާނެ ކަމުގެ ބިރުހީވެގެން ކުރާ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ