2018 ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ސިޔާސީ ފަރާތްތައް މިނިވަން ކުރަން ނެރުނު އަމުރާ ގުޅިގެން އެ ކޯޓުގެ ޓިނު ނަގައި ފަނޑިޔާރުން ހައްޔަރުކުރި ސަބަބު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކިޔައިދެއްވައިފި އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެެން ޔާމީންގެ ސަރުކާރުން ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސިފައިން މެދުވެރިކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ތަފާތު އެކި ދައުވާތައް އުފުލާފަ އެވެ.
އިދިކޮޅުން މިރޭ ބޭއްވި "ކޮތަރު ކޮށި" ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން މެނުވީ ބައެއް ގާނޫނުތައް ސަސްޕެންޑް ކުރެވޭނެ ގޮތެއް ނެތް ކަމަށާއި އެކަން އެގޮތަށް ކުރުމަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ކަށަވަރުކޮށްދޭ ހައްގެއް ކަމަށެވެ.
އެގޮތުން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އަލީ ހަމީދުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވި ކަމަށާއި ހުޅުމާލެ އިން ކުއްލިއަކަށް އެ ބޭފުޅުން ބައްލަވައިގެންފައިވާ ފްލެޓުތަކެއް ފެނިފައިވާއިރު މެލޭޝިއާގައި އެ ބޭފުޅުންގެ ތަަނަވަސްކަމާ ނުބައްދަލު ތަނަވަސްކަމެއްގެ ތެރެއިން ބައްލަވައިގެންފައިވާ އެޕާޓްމެންޓުތަކެއްގެ މައްސަލަ ވެސް ފެންމަތިވި ކަމަށް ޔާމީން ވިދާޅުވި އެވެ.
އެ ބޭފުޅުންނަށް ފައިސާ ލިބިފައި ހުރީ ދީލަތި މަހުޖަނެއްގެ ފަރާތުން ކަމަށާއި ހުކުމް ނެރުނު "މޯޓިވްއެއް" ކަމަށް ބެލެވެނީ އަގުބޮޑު ހަދިޔާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެ މައްސަލަ ފެންމަތިވުމުން ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު ތަހުގީގަށް ހާޒިރު ކުރެވޭނީ ސުޕްރީމް ކޯޓުގެ ބެންޗުން ފާސްކޮށްގެން ކަމަށް ބުނެ ގަވާއިދެއް އެކުލަވާލި ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ އެ ގަވާއިދުގެ އުވާލުމަށް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"އެ ނޫން ގޮތެއް ނެތް އެ ބޭފުޅުން ހާޒިރުކުރެވޭނެ، އެ ނޫން ގޮތެއް ނެތީ ހަމަ. ރާއްޖެ ދާހިލީ ހަމަނުޖެހުމަކަށް ގޮސްގެން މަގުމަތީގައި މީހުންތަކެއް ކަތިލެވިގެންދާތަން ފެންނާނެތީއެއް ނޫން އެއްގޮތަކަށް ވެސް އެކަން ކުރީ. މި ދެންނެވި މާއްދާ އުވާލުމަށްޓަކާ. އޭރަކު އަޅުގަނޑުމެންނަކަށް ނޭނގޭ އެއް މާއްދާ އޮތް ކަމެއް ވެސް. އެހާ ވަރަށް ފަނޑިޔާރުގޭގައި ހިނގާ ކަންތައްތަކަކާ އަޅުގަނޑުގެ ސަރުކާރުގައި ހަމަގައިމު ވެސް އަޅުގަނޑެއް ނުބެހެން" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ ދެ ފަނޑިޔާރުން އަމިއްލަ އަށް ހަށިރައްކާ ކިޔަވައިގެން ތިބިކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެކަން އެނގުނީ މިފަދަ މައްސަލަތައް ފެންމަތިވުމުން ކަމަށެވެ.
"އެއީ ޓިނު ނަގަން ޖެހުނު ގޮތް" ޔާމީން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ޓިނު ނެގި ސަބަބު ޔާމީން ކިޔައިދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ