ދެ މީހަކު މަޝްވަރާ ކޮށްލައިގެން ވެރިކަމުގެ ނިޒާމު ބަދަލުނުކުރެވޭނެ: ރައީސް މައުމޫން

ދެ މީހެއްގެ ދެމެދުގައި މަޝްވަރާކޮށްލައިގެން ވެރިކަމުގެ ނިޒާމު ބަދަލުނުކުރެވޭނެ ކަމުގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫނު މިފަދައިން ވިދާޅުވީ ރޭ އޮތް "އާސްކް ސްޕީކާ" ޕްރޮގުރާމުގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ދެއްވި ޖަވާބާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ނަޝީދު އަރިހުން، 2023 ވަނަ އަހަރުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން ހުށަހަޅުއްވާނަންތޯ ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރާނީ 2023 ވަނަ އަހަރުގައިތޯ ނުވަތަ 2023 ވަނަ އަހަރުގެ ކުރިންތޯ ކަނޑައެޅުމުގައި އެމަނިކުފާނު މަޝްވަރާކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ކަމުގައެވެ. ރައީސް ނަޝީދު ރޭގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި އަދި އެހެން ޤައުމުތަކުގައިވެސް ވެރިކަން ކުރަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމުގައެވެ. އަދި އެ ނިޒާމަކީ ޚަރަދު ކުޑަ ރައްޔިތުންނާ އެންމެ ގާތުން ވެރިކަންކުރެވޭ ނިޒާމު ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވައި ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މި އޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމުގައެވެ. އައު ޤާނޫނު އަސާސީ ލިޔުމުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ވޯޓެއް ނެގިއެވެ. އެ ވޯޓުން ރިޔާސީ ނިޒާމެއް ބޭއްވުމަށް ނިންމިއެވެ. އެއިރުވެސް އަދި މިހާރުވެސް ރައީސް ނަޝީދު ވިދާޅުވަމުންދަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓަކީ ރައީސް މައުމޫނު އޮޅުވައިލެއްވި ވޯޓެއް ކަމުގައެވެ. ރައީސް ސޯލިޙާ މަޝްވަރާކުރެއްވުމަށްފަހު ވެރިކަމުގެ ނިޒާމާމެދު ރަނގަޅު ގޮތެއް ނިންމަވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި ރައީސް މައުމޫނު ވިދާޅުވީ ރައްޔިތުން އިޚުތިޔާރު ނިޒާމެއް ކަމުގައިވާތީ، ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ ކަމުގައެވެ. ޤާނޫނު އަސާސީ މިހާރު އޮތް ގޮތުން ވެރިކަމުގެ ނިޒާމު ބަދަލުކުރާނަމަ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ