ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފެމިލީ ކޯޓުން އޮންލައިންކޮށް ކައިވެނި ކޮށްދިން ނަމަވެސް، އެކަން ނިންމުމަކަށް ގެނެސް އަނެއްކާވެސް ކޯޓުގައި އަދި ކޯޓުން ބޭރުން ކައިވެނިކޮށްދޭގޮތަށް ނިންމައިފިއެވެ.މިކަމާއި ގުޅިގެން ފެމިލީ ކޯޓުން ބުނީ ކޮވިޑް-19 ގެ ޙާލަތުގައި ފެމިލީ ކޯޓުން އޮންލައިންކޮށް ކައިވެނި ކޮށްދިން ނަމަވެސް، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޯޓަށް މީހުން ހާޒިރުކޮށްގެން ކާވެނި އަޤްދު ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ޢަޤްދު ކޮށްދިނުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.ފެމިލީ ކޯޓުން ބުނީ އެ ކޯޓުން ބޭރުގައި ކައިވެނީގެ މަޖިލިސް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ފަރާތްތަކަށް ކޯޓުން ބޭރުގައި ކާވެނި އަޤްދުކޮށްދިނުމުގެ ކަންކަން ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި ކޯޓުން ބޭރުގައި ކައިވެނި އަޤްދުކޮށްދިނުމުގެ ހުއްދަ ދެވޭނީ ކޯޓުން ކަނޑައަޅާ އުސޫލާއި އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން ކާވެނީގެ މަޖްލިސް ބާއްވާ ތަން އެފަދަ މަޖްލިހެއް ބޭއްވުމަށް އެކަށީގެންވާ ގޮތަށް، އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުންނަ މީހުން ދިރިނޫޅޭ ތަނަކަށް ވާންޖެހޭނެކަމަށްވެސް އެ ކޯޓުން ބުންޏެވެ. ވީޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިން ފެމިލީ ކޯޓުން ކައިވެނި ކޮށްދޭން ފަށާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން މުޅި މާލެ ފުރަބަންދު ކުރުމާއި ގުޅިގެންނެވެ. ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފެމިލީ ކޯޓުން ފުރަތަމަ ފަހަރަށް ކައިވެނި ކޮށްދީފައިވަނީ މިދިޔަ މޭއި މަހުގައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ކޯޓުގައާއި ކޯޓުން ބޭރުގައި ކާވެނި ކޮށްދޭގޮތަށް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ