ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމަށް، ނިޒާރުގެ ހޫނު ރައްދެއް!

ބޮޑު ހޭދައެއް ކޮށްގެން މި ދުވަސްވަރު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުން މުހުންމުތޯ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ކުރެއްވި ސުވާލަށް އައްޑޫ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރައްވާ ކުރީގެ މަޖިލީސް މެންބަރު އަލީ ނިޒާރު ހޫނު ރައްދެއް ދެއްވައިފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ބަހުސް ކުރައްވަމުން ހޯރަފުށި ދައިރާގެ މެމްބަރު ސަލީމް ވިދާޅުވީ އެއް އަތުން މަސައްކަތް ކުރަންޖެހެނީ ކޮވިޑް-19ގެ މިހާލަތުން ރައްޔިތުން ސަލާމަތްކުރުމަށް ކަމަށާ އެއީ ސަރުކާރުގެ މަގުސަދު ކަަމަށެވެ. އަދި ހަމައެއާއެކު ދެން އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ ބާރުވެރިކަން އެމީޙުންގެ އަތުގައި ބޭއްވުންކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ އެކަމަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ ބަޔަކު އެމީހުންގެ މައްޗަށް ބަސްކިޔުމަށް ބޭތިއްބުމުގެ ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށެވެ. އެހެން ނަމަވެސް މި ދެކަންތައް އެއްފަހަރާ ހާސިލް ކުރަން ބަލާއިރު ޕެންޑަމިކްގެ މިހާލަތުގައި މި ދެކަންތައް އެއްފަހަޜާ ހާސިލުކުރެވިދާނެތޯ ސުވާލު އުފެދޭ ކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވަނީ އިންތިޚާބަށް ތައްޔާރުވަން ފަށާ ހިސާބުން ކޮންޓެކްޓް ޓްރޭސިންގ ހުއްޓާލައިގެން ނޫނީ އަދި ދަތުރުފަތުރު ކުރުަމށް މިހަރު އޮތް ހުރަސްތައް ނައްތާލައިގެން ނޫނީ އިންތިޚާބު ރަނގަޅަށް ކުރިއަށް ގެންދިވިދާނެތޯ ސުވާލު އުފައްދަވާފައެވެ. ކޮންޓެކްޓް ޓްރޭސިންއާއި ދަތުރުފަތުރުކުރުން ކޮންޓްރޯލް ކޮށްފައި އޮތުމަކީ ކޮވިޑް-19 ބަލި ކޮންޓްރޯލްކުރުަމަށް ބޭނުންކުރާ އެންމެ މުހިންމު ހަތިޔާރުކަން ފަހަގަކުރައްވާ ސަލީމް ވިދާޅުވީ މި ކަންތައްތައް މިގޮތަށް އޮތްހާ ހިނދަކު ހިތްއެދޭފަދަ އިންތިހާބެއް ބޭއްވިދާނެ ކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ.
އިންތިޚާބަކީ ޚަރަދު ބޮޑު ކަމެއްކަން ފާހަގަކުރައްވާ ހޯރަފުށީ ދައިރާގެ މެމްބަރު ވިދާޅުވީ މިއަހަރު ލޯކަލް ކައުންސިލް އިންތިޚާބު ބެއްވުމަށް ބަޖެޓުގައި 50 މިލިއަން ރުފިޔާ ޖަހާފައިވާ ކަމަށާ އެހެންނަމަވެސް ސިއްހީ ކުއްލިނުރައްކަލުގެ ހަލަތުގައި ކަންކަން އިންތިޒާމް ކުރަމުންދާއިރު އިތުރު ޚަރަދުތައް ހިނގާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫން ކަމަށެވެ. އެގޮތުން ވޯޓުލާ މަރުކަޒުތައް ޑިސްއިންފެކްޓް ކުރަންޖެހޭނެ ކަަމަށާ އެކަމަށް ގާތްގަނޑަކަށް 3.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ކޮންމެ ވޯޓްލާ މަރުކަޒަކަށް ޓެމްޕަރޭޗަރ ބެލުމަށް ތާމޯމީޓަރު ބޭނުންވަނެ ކަމަށާ އެ ގަތުމަށް 1.2 މިލިއަން ރުފިޔާ އަދި އިންތިޚާބުގައި މަސައްކަތްކުރާ އޮފިޝަލުންގެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓަށް އިތުރު 3 މިލިއަން ރުފިޔާ ހަރަދުވާ އިރު މިހާ ތާށި އަދި ދަތި ދަނޑިވަޅެއްގައި މި ޚަރަދުތައް ކޮށްގެން އިންތިހާބު ބޭއްވުން ހަމަ ކޮންމެހެން މުހިންމުތޯ ސަލީމް ވަނީ ސުވާލު ކުރައްވާފައެވެ.
މިކަމާ ގުޅިގެން އަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލީގޮތުން މި ދަތި ދުވަސްކޮޅު މަޖިލިސް އެއް އަހަރަށް ސަސްޕެންޑްކޮށް ބާއްވައިފިނަމަ ދައުލަތަށް 900 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި އެކަން ކުރަން އެއްބަސް ވެވިދާނެތޯ ނިޒާރު ވަނީ ސަލީމް އަށް ޓެގްކުރައްވާ ކުރެއްވި ޓްވީޓްގައި ސުވާލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ