މަޖިލިސް އިދާރާގެ މައިންގެ ކޮޓަރި: އެކަމަށް ވަކާލާތު ކުރެއްވި ކުރީގެ މެމްބަރު އަނީސާގެ ތައުރީފު!

"މައިންގެ ކޮޓަރި" ނަމުގައި މަޖިލީހުގެ އިދާރާގައި ކޮޓަރިއެއް ބޭނުން ކުރަން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތުއްޕުޅު ބޭފުޅުން ބެލެހެއްޓޭނެ އެހެން އިންތިޒާމެއް ނެތް ނަމަ މަޖިލިހުގެ އިދާރާ އަށް ގެންދަވައިގެން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަޖިލިސް އިދާރާގައި މި ކޮޓަރި ބޭނުން ކުރަން ފަށާފައިވާކަން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި، އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި މުލަކު އަތޮޅު މެންބަރުކަންވެސް ކުރެއްވި އަނީސާ އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ އާ އިމާރާތުގައި އަންހެން މެމްބަރުންނަށް ތުއްތު ދަރިން ގޮވައިގެން އެކަހެރިވެވޭ ކަހަލަ ލައުންޖެއް ހުންނަން ޖެހޭނެކަމަށް އޭރު ވަކާލާތުކުރެއްވި ހަމައެކަނި މެންބަރަކީ އެކަމަނާ ކަމަށެވެ. އަދި ވިދާޅުވީ، މަޖިލީހުގައި މައިންގެ ކޮޓަރިއެއް ހުޅުވުމުން އެކަމާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ކޮޓަރީގައި ކުދިންނަށް ތިބެވޭނެ ކަމަށެވެ. އަދި ކުޑަކޮށް އެ ކުދިންނަށް އެކޮޓަރީގައި ކުޅެލާ ހަދާލެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ ހަތަރު އަންހެން މެމްބަރުންނެވެ. އެއީ އެއީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ