ދާއިރާގެ ރައްޔިތުންނަށް އަދުރޭ ޝުކުރު ދެންނެވީ ޅެމަކުން!

ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރުކަމުގައި މިހާރުވެސް ހުންނެވި އަދި އެ ދާއިރާއަށް ނިމިދިޔަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ޢަބްދުރަޙީމް ޢަބްދުﷲ (އަދުރޭ) އޭނާ ތަމްސީލުކުރާ ދާއިރާގެ ރައްޔިތުންނަށް ޅެންބައިތަކުން ޝުކުރު ދަންނަވައިފިއެވެ.
އަދުރޭ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައިވެސް އެމަނިކުފާނުގެ ތަރައްޤީއާ ގުޅޭގޮތުން ތަފާތު އެކި ހަފްލާތަކުގައި ޖަހަމުންދާ ލަވަތަކުގެ ޅެން ހައްދަވާފައިވާ ބޭފުޅެވެ. ޕީއެންސީގެ ވަގުތީ ރައީސް އަދުރޭ މިފަހަރުގެ އިންތިޚާބުން ބަލިވީ އެންމެ 44 ވޯޓުގެ ތަފާތުންނެވެ.
އަދުރޭ ވަނީ ފޮނަދޫ ދާއިރާގެ ރައްޔިތުން އޭނާއަށް މަޖިލީހުގެ ދެ ދައުރު ދެއްވީތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. "ޝުކުރުވެރި ވަން" ނަމަކަށް ކިޔާފައިވާ މި ޅެމުގައި އަދުރޭ ވިދާޅުވެފައިވަނީ ފޮނަދޫ ދާއިރާ އޭނާ މަޖިލީހުގައި ތަމްސީލްކުރަމުން ދިޔައީ ހިތްވަރާއި އެކުގައި ކަމަށެވެ. އަދި މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލް ކުރެއްވީ ދާއިރާގެ ރޫޙު ހުރިގޮތް އެނގިހުރެމެ އެ ރޫޙާއި އެއްގޮތަށް ކަމަށެވެ.
"ކުރިއެރުން އެކި ރޮނގު ރޮނގުން، ހޯދައި ދެވޭތޯ ގޮތް ގޮތުން ކުރި އެ ޚިދުމަތް މިއަދުވެސް، ފެންނާނެއޭ ތިޔާ ލޯތަކުން،" ޖަޒުބާތުން ފުރިގެން އަދުރޭ ހެއްދެވި ޅެމުގައި ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިނގާދިޔަ ކޮރަޕްޝަންގެ މައްސަލަތަކުގެ ތުހުމަތުތައްވެސް ރައްދުވާ އަދުރޭ ވިދާޅުވީ އޭނާއަށް ރައްދުވާ ބަދުނާމުތަކާއި އިސްތަށި ފުޅުގައި އަޅުވަމުންދާ ހުތުރު އިލްޒާމްތަކަކުން ޙައްޤު ބަސް ބުުނުމުގައި ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ކަމަކަށްވެސް ފެށުމެއްވާ ފަދައިން ނިމުމެއްވެސް އަންނާނެ ކަމަށެވެ.
"ކޮންމެ ކަމަކަށް ފެށުމަކާއި ނިމުމެއް އޮތުން މީ ކަށަވަރުން އޮންނަ ހަމަކަށް ވިސްނެވުން މީ އޮތް ކަމެއް ހަމަ އެންމެނަށް،" އަދުރޭގެ ޅެމުގައިވެއެވެ.
އަދުރޭ ވިދާޅުވީ ރައްޔިތުން ތަމްސީލު ކުރުމަށް މަޖިލީހުގައި އޭނާ ނެތް ނަމަވެސް، އަބަދުވެސް ރައްޔިތުންނާއި އެކު ހުންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ