ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން ހަތް ފަނޑިޔާރުން ކަމަށެވެ.
އެބިލްގެ ފުރަތަމަ ކިޔުން މިއަދު ޖަލްސާގައި ވަނީ އިއްވާފަ އެވެ.
އެ ބިލްގައި ބުނެފައި ވަނީ ދާއިމީ ސުޕްރީމް ކޯޓު އުވުނުއިރު، ސުޕްރީމް ކޯޓުގައި ތިއްބެވީ ހަތް ފަނޑިޔާރުން ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއެކު ވަކިކުރައްވާފަ އެވެ. އެހެންކަމުން އާޒިމް ހުށަހަޅުއްވާފައިވާ އެބިލްގެ މައިގަނޑު ބޭނުމަކީ އަލުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތް ފަނޑިޔާރުންނަށް އިތުރު ކުރުމެވެ.
މިހާރު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ ގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅި އެ މައްސަލަތައް އެކޮމިޝަނުން ދަނި ތަހުގީގު ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ވެސް ވަނީ ޖޭއެސްސީ އަށް ހުށަހެޅިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ