އަނެއްކާވެސް ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމެއް ފެންމަތިވެއްޖެ!

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފާސްކޮށްފައިވާ ގޮތަށް ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން، އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާއެކު، ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރެއް ފެންމަތިވެ، ރައްޔިތުންގެ މަޖިލީހުގައި އެކަމާ ގުޅިގެން ބަހުސްކޮށްފި އެވެ.
ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަ، ޖޭއެސްސީ އަށް ސާބިތުވެ، އޭނާ މަގާމުން ވަކި ކުރުމަށް ޖޭއެސްސީން ހިންގި އިޖުރާއަތުތަކާއި ތަހުގީގު ރިޕޯޓުގެ މުހިއްމު ނުކުތާތަކާއި، ޖޭއެސްސީގެ ނިންމުން މަޖިލީހުގެ ތަޅުމުގައި އިއްވުމަށްފަހު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ ގައި ބަޔާން ކޮށްފައިވާ ގޮތަށް، ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނެ، ހުރިހާ އިޖުރާއަތެއް ފުރިހަމަ ކުރި ނަމަވެސް، އަދި ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރަކު މަގާމުން ވަކި ކުރަން ނިންމި ނަމަވެސް، އެކަމުގެ އެންމެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ސުޕްރީމް ކޯޓުން 22 މެއި 2017 ގައި ހުކުމެއް ކޮށްފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން އެ ހުކުމް ނެރެފައި ވަނީ ކުރީގެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، ދައުލަތުގެ އެޓާނީ ޖެނެރަލްގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން އެކޯޓުން ކޮށްފައިވާ ހުކުމެކެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣްލަބިއްޔަތުން ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު މަގާމުން ވަކި ކުރެވޭ ގޮތަށް އޮންނަ އިޖުރާއަތާއި، އަދި ގާނޫނު އަސާސީގެ 100 ވަނަ މާއްދާ އާއި، 154 ވަނަ މައްދާގެ (ށ) އާއި، 177 ވަނަ މާއްދާ އާއި، 187 ވަނަ މާއްދާ އާއި، 197 ވަނަ މާއްދާ އާއި، 207 ވަނަ މާއްދާ އާއި، 218 ވަނަ މާއްދާ އަދި 228 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހާއްސަ އަޣްލަބިއްޔަތަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުން ނުވަތަ އެ މެމްބަރުންގެ ވަކި ހާއްސަ އަޣްލަބިއްޔަތަކުން ފާސްކުރުމުން އެ މާއްދާތަކުގައި ބަޔާންވެގެންވާ ފަރާތްތައް އެ ފަރާތްތަކުގެ މަގާމުތަކުން ވަކި ކުރެވޭ ގޮތަށް އޮންނަ އިޖުރާއާތުތައް ރައްޔިތުންގެ މަޖިލީހުން ހިންގަން ވާނީ، އިސްވެ ބަޔާންވެދިޔަ "ޑިޔު ޕްރޮސެސް"ގެ ގަވާއިދުތަކާއި ހަމަތަކާއި އެއް ގޮތްވާ ގޮތުގެ މަތިން ހިންގާ އިމްޕީޗްމަންޓެއްގެ އުސޫލުން، ވެރިކަން ހިންގުމުގެ ބާރާއި، އަދުލް އިންސާފު ގާއިމުކުރުމުގެ ބާރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި އިހުތިޔާރުތަކަށް ހުރަސްއެޅުމެއް ނެތި، ދައުލަތުގެ ތިން ބާރުގެ ތެރެއިން ކޮންމެ ބާރަކުން ވެސް އެބާރަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އެއްވެސް ނުފޫޒަކާ ނުލައި އަދާ ކުރަމުން ގެންދިއުން ކަށަވަރުކޮށްދޭ ގޮތެއްގެ މަތިން، އަދި އެއް ބާރުން އަނެއް ބާރުގެ އިޚްތިޞާޞްގެ ތެރެއަށް ވަދެ، ބާރުތަކުގެ މެދުގައި ގާއިމުވެފައިވާ ދުސްތޫރީ އިންތައް ފަހަނައަޅައި ގޮސް، އެ ބާރުތަކުގެ މުސްތަގިއްލުކަން ނުގެއްލޭ ފަދަ ގޮތަކަށް ކަމުގައި ވާތީ، ގާނޫނު އަސާސީގެ ބުނެވިދިޔަ މާއްދާތަކުގެ ދަށުން ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއްގެ ސައްހަކަން ބިނާވެގެން ވާނީ އެ ނިންމުމަކާ މެދު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި، ގާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅުމަށް ފަހުގައި ކަމަށާއި، މިއަދު، މީލާދީ ސަނަތުން 2017 ވަނަ އަހަރުގެ މޭ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ހުރިހައި ހާލަތެއްގައި ވެސް، އަދި ހުރިހައި ބޭނުމަކަށްޓަކައި ވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ބާރު ހިނގާ ސަރަހައްދުގެ ތެރޭގައި އަމަލުކުރަން ވާނީ މި ޤަޟިއްޔާގައި ކަނޑައެޅި ބަޔާންވެގެންވާ އަޙްކާމްތަކާއި އެއް ގޮތްވާ ގޮތުގެ މަތިން ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިކަމުގެ މައްޗަށާއި، ގާނޫނު އަސާސީގެ 144 ވަނަ މާއްދާ އާއި، 145 ވަނަ މާއްދާގެ (ނ) ގެ މައްޗަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށާއި، ދައުލަތުގެ މުއައްސަސާތަކަށާއި ދައުލަތުގެ އެންމެހައި ފަރާތްތަކަށް އަންގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމްކޮށް އަމުރު ކޮށްފީމެވެ." ސުޕްރީމް ކޯޓުގެ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ފަނޑިޔާރު އަބްދުﷲ އަރީފް، ފަނޑިޔާރު އަލީ ހަމީދު މުހައްމަދު، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (މިހާރުގެ އުއްތަމަ ފަނޑިޔާރު) ނެރުއްވާފައިވާ ހުކުމުގައި ވެއެވެ.
އެހުކުމްގައި ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން ފާސްކޮށް، މަގާމުން ވަކި ކުރަން އެ މަޖިލީހުން ނިންމިޔަސް، އެކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް އެބުނާ މަގާމުތަކަކީ، ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނާ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، 101 ވަނަ މާއްދާގައި ބުނާ ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު، 154 ވަނަ މާއްދާގެ (ށ) ގައި ބުނާ ފަނޑިޔާރަކު، 177 ވަނަ މާއްދާގައި ބުނާ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރަކު، 187 ވަނަ މާއްދާގައި ބުނާ ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރަކު، 197 ވަނަ މާއްދާގައި ބުނާ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރަކު، 207 ވަނަ މާއްދާގައި ބުނާ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރަކު، 218 ވަނަ މާއްދާގައި ބުނާ އޮޑިޓަ ޖެނެރަލް އަދި 228 ވަނަ މާއްދާގައި ޕްރޮސެކިއުޓަ ޖެނެރަލް އެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން، ދައުލަތުގެ އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާ، މަގާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ.
ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅިފައިވާއިރު، ސުޕްރީމް ކޯޓުން 22 މޭ 2017 ވަނަ ދުވަހު ކޮށްފައިވާ އެ ހުކުމުން، ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރަށް އަރައިގަނެފައި ވާތީ، ސުޕްރީމް ކޯޓުގެ އެ ހުކުމަށް ގިނަ މެމްބަރުން ބަހުސްކޮށް، ދަނީ ފާޑު ކިޔުންވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ