ހަކުރާ މާލަމުގައި މާދަމާރޭ ބާއްވަން އޮތް ބައްދަލުވުން އެހެން ރެޔަކު ބާއްވަން ކެންސަލްކޮށްފިން: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދަރުބާރުގޭ ހަކުރާ މާލަމުގައި މާދަމާރޭ ބާއްވަން ހަމަޖެއްސި ބައްދަލުވުން އެހެން ރެއަކު ބާއްވާގޮތަށް ކެންސަލް ކޮށްފިއެވެ.
އުމަރު ނަސީރު އޭނާގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިންޑިއާ ސިފައިން ރާއްޖޭން ބޭލުމުގެ ނަމުގައި ހިންހާ ހަރަކާތާ ބެހޭގޮތުން ބާއްވަން ނިންމި އެ ބައްދަލުވުން އެހެން ދުވަހަކަށް ފަސްކުރީ، މި އިވެންޓަށް ހަކުރާ މާލަން ދޫ ނުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ކަމަށެވެ. އަދި މި އިވެންޓް ދެން ބާއްވާނެ ތަނަކާއި ވަގުތެއް އިއުލާން ކުރައްވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އުމަރު ވިދާޅުވީ، ކުރި މަސައްކަތުން ހަކުރާ މާލަމުގެ އިތުރުން އެ ބައްދަލުވުން ބާއްވަން ދައުލަތުގެ ބެލުމުގެ ދަށުގައިހުރި އެހެން އެއްވެސްތަނެއް ވެސް ލިބޭގޮތް ވެފައި ނުވާ ކަމަށެވެ.
"ހަމަހަމަ ކަމާއެކު ދައުލަތުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ވައުދުވި ސަރުކާރަކުން މިކަމަށް ހުރަސް އެޅުއްވީތީ ހިތާމަ ކުރަން،" އުމަރު ނަސީރު ވިދާޅުވެފައިވެ އެވެ.
ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާންސްޓްރަކްޗާއިން މިއަދު ބުނެފައިވަނީ، އެ މިނިސްޓްރީގެ މުހިއްމު ކަމަކަށް ބޭނުންވާތީ، ދަރުބާރުގޭގެ ހަކުރާ މާލަން މާދަމާރޭ އުމަރު ނަސީރަށް ދޫކުރެވެން ނެތްކަމަށެވެ.
"މި މިނިސްޓްރީގެ މުހިއްމު ބޭނުމަކަށް 8 މާރޗް 2019 ވާ ހުކުރު ދުވަހު ހަކުރާ މާލަން ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، މިތަން ތިޔަފަރާތަށް ދޫކުރެވެން ނެތް ވާހަކަ ދެންނެވީމެވެ. އަދި ދަންނަވަމެވެ. ތިޔަފަރާތުން މާލަން ހިފަން ދައްކާފައިވާ ފައިސާ 13 މާޗް 2019ވާ ބުދަދުވަހު 13:00 ގެކުރިން މިނިސްޓްރީއަށް ވަޑައިގެން ހަވާލުވެދެއްވުން އެދެމެވެ." ހަކުރާ މާލަން މާދަމާރެއަށް ދޫކުރެވެން ނެތްކަމަށްބުނެ ޕްލޭނިންގ މިނިސްޓްރީން އުމަރު ނަސީރަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ