ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ދާއިރާތައް ކަނޑައަޅާ ތަމްސީލުކުރުމުގެ ރޫޙަކީ އެދާއިރާއަކަށް ނިސްބަތްވާ ދާއިރާގެ ރަށްވެއްސަކު ދާއިރާގެ ރައްޔިތުން ތަމްސީލުކުރުން ކަމަށް ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްއުސްތާޛު ޢަލީ އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ، ޤާނޫނު އަސާސީގެ ރޫޙަކީ އެދާއިރާއެއްގެ ބަޔަކު އެދާއިރާ ތަމްސީލުކުރުމާއި އެދާއިރާގެ ހެވާލާބަޔަތް މަސައްކަތް ކުރުންކަމަށެވެ. އޭނާ ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ ގޮޑީގައި އިންނަންވާނީ އުތުރުގެ ރަށްވެއްސެއްކަމަށާއި އެކަންކުރެވޭނެ ޤާބިލު މީހުން އެދާއިރާގައި އެބަތިބިކަމަށެވެ.
“ އެހެން ދާއިރާއެއްގެ މީހަކު މިދާއިރާ ތަމްސީލުކުރަންޖެހޭ ހާލަތީ އެކަންކުރެވޭނެ ޤާބިލުމީހުން މިދާއިރާގައި ނެތްނަމަ. ހިތަދޫ އުތުރު ދާއިރާގައި އެބަތިބި އެކަންކުރެވޭނެ މީހުން. އަޅުގަނޑުކަހަލަ ކިތަންމެ މީހުން އެބަތިބި. އެހެންވީމަ މިދާއިރާގެ ތާރީޚަށްޓަކައިވެސް މިގޮޑި އެހެން ދާއިރާއަކަށް ދީގެންނުވާނެ.” ޢަލީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެއްފަހަރު އެކަން ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން ސާބިތުކޮށްދިނީމަ އެނެއްކާވެސް ރައްޔިތުންގެ ނިންމުމަށް އިޚްތިރާމުނުކުރުމަކީ ސިޔާސީ ގޮތުން ހުތުރު އަމަލެއްކަމަށެވެ.
“ސަރުކާރު ޖަވާބު ދާރީ ކުރުވުމުގެ ބަސްކޯޅިއާއެކު ނިކުންނަ ކެންޑިޑޭޓުން ފުރަތަމަ ޖެހޭ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމުކުރަން. އެފަދަ ބޭފުޅުން ވޯޓުގަންނަން ފައިސާ ދިއްކުރާ ކޮންމެ ފަހަރަކު އެމަލާމަތް ކުރަނީ ތިޔަ ރައްޔިތުންނަށް. އެމީހުން ހަޖޫ އެޖަހަނީ ތިޔަ ރައްޔިތުންނަށް. އެއީ އަޅުގަނޑުމެން ކަހަލަ ނިކަމެތި ރައްޔިތުންނަށްކުރާ ފުރައްސާރަ. އެފަދަ މީހުންނަށް ވޯޓު ވިއްކާނުލައްވާތި" ވަރަށް ފޯރިއާއެކު ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވިއެވެ.
އޭނާ ވަނީ ދައުލަތް ބާރުވެރިކޮށް ރައްޔިތުންނަށް ކަންކަން ކޮށްދޭންޖެހޭނީ ދައުލަތް މެދުވެރިކޮށްކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވާފައެވެ. އަދި ވިޔަފާރިވެރިއަކަށް ނުވަތަ ވަކި މީހަކަށް އަސާސީ ކަންކަމުގައި ބަރޯސާވުމަކީ ދަރަނިވެރިވެ އަމިއްލަ ހައްޤު ގެއްލިގެން ދާކަމެއްކަމަށް ވިދާޅުވިއެވެ.
އަލްއުސްތާޛު ޢަލީ އިބްރާހީމް އަކީ ހިތަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ ޤާނޫނީ ވަކީލެކެވެ. އަދި ހިލޭ ސާބަހަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންދާ ބޭފުޅެކެވެ. އަދި އޭނާއަކީ އެދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ދާއިރާއަށް ޚާއްސަ މެނިފެސްޓޯއަކާއެކު ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓެވެ.
އަލްއުސްތާޛު ޢަލީ އިބްރާހީމް ބާއްވަމުންދާ ކަންމަތީ ބައްދަލުވުންތައް މިރެއާއި މާދަމާވެސް ހިތަދޫ އުތުރުގެ އެކި ސަރަހައްދުތަކުގައި އޮންނާނެއެވެ.
ހިތަދޫ އުތުރު ދާއިރާ ތަމްސީލުކުރަން ޖެހޭނީ ދާއިރާއަށް ނިސްބަތްވާ ދާއިރާގެ ރަށްވެއްސެއް - ޢަލީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ