ފިލިޕީންސް ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.97 މިލިއަން ޑޮލަރު އެމެރިކާ އިން ދީފި

އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރު، ޔޫއެސްއެސް ގާޑިއަން ފިލިޕީންސް ފަރަށް އަރައިގެން ލިބުނު ގެއްލުމުގެ ބަދަލުގައި އެމެރިކާ އިން 1.97 މިލިއަން ޑޮލަރު ފިލިޕީންސް ސަރުކާރަށް ދިފި އެވެ.
ފިލިޕީންސް ސަރުކާރާ ހަވާލާދީ ބީބީސީ އިން މިއަދު ބުނީ، ފިލިޕީންސުން އެދުނު ވަރަށް މިދިޔަ ޖެނުއަރީ މަހު އެމެރިކާ އިން ފައިސާ ދައްކާފައިވާ ކަމަށާއި ފަރު އަލުން ދިރުވުމަށް އެ ފައިސާ ބޭނުން ކުރާނެ ކަމަށެވެ.
ޔުނެސްކޯ އިން ވޯލްޑް ހެރިޓޭޖު ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ، ތުއްބައްތަހާ ފަރަށް އެމެރިކާގެ މައިން ސްވީޕާ މަނަވަރު، ޔޫއެސްއެސް ގާޑިއަން އެރީ 2013 ވަނަ އަހަރު އެވެ. އެ މަނަވަރު ފަރަށް އެރުމުން 25،240 އަކަ ފޫޓް ސަރަހައްދުގެ ފަރަށް ގެއްލުންވެފައިވެ އެވެ.
މަނަވަރު ފަރަށް އެރުމުން އެމެރިކާ ސަރުކާރުން ވަނީ މައާފަށް އެދިފަ އެވެ. އަދި ފަރަށް އިތުރަށް ގެއްލުން ވިޔަ ނުދިނުމަށް ޓަކައި މަނަވަރުގެ ބައިތައް ވަކިވަކިކޮށްގެން ވަނީ ނަގައިފަ އެެވެ.
ސްޓޭންޑަޑް ޕްރޮސީޖާއާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ، އެމެރިކާ އިން ކޮމާންޑިން އޮފިސަރާ އެކު ހަތަރު އޮފިސަރުން ވަޒީފާ އިން ވަކި ކުރި އެވެ.
އެމެރިކާގެ ނޭވީ އިން މޭ، 2013ގައި ކުރި ތަހުގީގަށް ފަހު ބުނީ ރަނގަޅަށް ޕްލޭން ކުރެވުނު ނަމަ މަނަވަރު ސަލާމަތް ކުރެވުނީސް ކަމަށާއި ބައިވަރު ގޯސް ހަދާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ