އިންޓަ ސްކޫލް ޗެސް މުބާރާތް ފަށައިފި

ރާއްޖޭގެ ޗެސް ފެޑަރޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އިންޓާ ސްކޫލް ޗެސް މުބާރާތް ފަށައިފި އެވެ.
އިންޓަ ސްކޫލް ޗެސް މުބާރާތް ފަށާފައި ވަނީ އިއްޔެ ހަވީރު ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކަށް ފަހު އެވެ. އެ ރަސްމިޔާތް ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ގިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލް ތޯހާ ސަލީމް އެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތޯހާ ވިދާޅުވީ ޗެސް އަކީ ކުދިންގެ އުގެނުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކުޅިވަރެއް ކަމަށެވެ. އަދި އިންޓަ ސްކޫލް ޗެސް ޓޯނަމަންޓް ފަދަ މުބާރާތްތަކުގައި ކުދިން ބައިވެރިކުރުކީ ބެލެނިވެރިންނަށް އެ ކުދިންގެ ކުރިމަގަށް އެޅޭ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށް ވެސް ތޯހާ ވިދާޅުވި އެވެ.
ގިޔާސުއްދީން ސްކޫލްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިންޓަ ސްކޫލް ޗެސް މުބާރާތަކީ މުޅިން އަލަށް މި އަހަރު ބާއްވާ މުބާރާތެކެވެ. އެގޮތުން މިފަހަރު އެ މުބާރާތުގައި ނުވަ ސްކޫލަކުން 150 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެ އެވެ.
ހަތް އުމުރުފުރާއަކަށް ބަހާލައިން ކުރިއަށް ގެންދާ އިންޓަ ސްކޫލް ޗެސް ޓޯނަމަންޓް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުން 22 ވަނަ ދުވަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ