މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ، އެހެން ކަންކަމަށް ބޭނުންކުރާނަމަ، މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ

މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ، އެހެން ކަންކަމަށް ބޭނުންކުރާނަމަ، މަނީ ލޯންޑްރިންގެ ދައުވާ ކުރަން ފަށައިފިއެވެ.
މިކަން ހާމަކުރައްވާ ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް، އޭނާގެ ބްލޮގްގައި ލިޔުއްވި ލިޔުމެއްގައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ، އެހެން ކަންކަމަށް ބޭނުންކުރާ ނަމަ، މަނީ ލޯންޑްރިންގެ ދައުވާ ކުރަން ގާނޫނު ޖާގަދީފައިވާއިރު ޕީޖީ އޮފީހުގެ ސިޔާސަތަކީ، އެމަގުން ދިއުން ކަމަށެވެ. އެބާވަތުގެ ފުރަތަމަ މައްސަލަ، މިމަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޝަމީމު އޭނާގެ ބްލޮގުގައި ފާހަގަކުރައްވާފައިވެއެވެ.
ޝަމީމް ވިދާޅުވީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންގެ ފަހަތުން ދާންޖެހޭއިރު، ފުލުހުންގެ ބުރަ މަސައްކަތުން އެކަމުގައި އުޅޭ ނެޓްވޯރކްތައް ރޫޅާލެވިފައިވާކަމަށެވެ. އަދި ދެންއޮތް މަރުހަލާއަކީ އެކަމުގައި ހަރަކާތްތެރިވާ އަޞްލު "ވިޔަފާރިވެރިން" ފަހަތުން ދިއުންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
އެ މައްސަލަ ހައްލުކުރުމަށް ހުރިހާ ސަރުކާރަކުން ވެސް މަސައްކަތްކޮށްފައިވާ އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުން ހަރުދަނާ ކުރަންޖެހޭ ކަމަށާއި އެމަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ޕީޖީ ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މިހާތަނަށް ބައެއް މީހުންނަށް ހީވެފައި އޮންނަނީ، މަސްތުވާތަކެތީގައި އަތް ނުލާ ނަމަ، ކުށްވެރި ނުވާ ކަމަށާއި، މިހާރު ސިޔާސަތަށް ގެނައި ބަދަލާއެކު، އެ ވިސްނުން ނިމުމަކަށް އަންނާނެ ކަމަށެވެ. މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވުމަށްޓަކައި ބޭނުންވަނީ، އޭނާއަށް ލިބި، ބޭނުންކުރި ފައިސާއަކީ، ކުށެއް ކޮށްގެން ހޯދާ ފައިސާކަން އޭނާއަށް ޝައްކުވުންކަން ވެސް ޝަމީމް ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ