އޯއައިސީގެ މެމްބަރު ގައުމުތަކުގެ ސަފީރުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެމްބަރު ގައުމުތަކުން އދއަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ވަރޗުއަލްކޮށް ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދުވަނީ 1976 ގައި އޯއައިސީއާ ދިވެހިރާއްޖެއިން ގުޅުނުފަހުން އެހެން މެމްބަރު ގައުމުތަކާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާ ލައްވާފައެވެ.
އެގޮތުން ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމީ ބަދަލުތަކާއި، އާއްމު ސިއްހަތާއި، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ހަރަކާތްތައް ހުއްޓުުވުމާއި ޓެރަރިޒަމާއި އަދި މުސްލިމުންގެ ހައްގުތައް، ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ބެހޭގޮތުން ވަކާލާތުކުރުމުގައި، ރާއްޖެއިން މަސައްކަތް ކުރާކަން މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
1969 ގައި އޯއައިސީ އުފެދުނުފަހުން އެ ޖަމިއްޔާއިން މުސްލިމް ގައުމުތައް ގުޅުވައި، 1.5 ބިލިއަން މުސްލިމުންގެ ހިތްތަކާ ގުޅިފައިވާ އެކި މައްސަލަތަކުގައި ވަކާލާތުކުރަމުން އަންނަކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން ދެމެހެއްޓެނިވި ގޮތެއްގައި އަރައިގަތުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، އދގެ އާއްމު މަޖިލީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
އަދި މަލްޓިލޭޓަރަލް ސިސްޓަމް ވަރުގަދަކޮށް، ޤައުމުތައް ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމާ ބެހޭ ގޮތުން ވެސް މިނިސްޓަރ ޝާހިދު ވަނީ ވާހަކަފުޅު ދެއްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ