އަދުރޭ ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އާންމު ތަނެއްގައި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލާގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ވަގުތީ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލި ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާ ކުރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. އަަބްދުއްރަހީމްއަށް ދައުވާ ކުރީ ނޮވެމްބަރު 28، 2019ގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށްލާން ހުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓުގެ ބޭރުގައި އޮތް މުޒާހަރާގެ ތެރެއިން، އަޑުގަދަކުރާ ބޭނުންކުރައްވައިގެން ކްރިމިނަލް ކޯޓުގެ ގާޒީންނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ހަޑިހުތުރު ބަހެއް ބޭނުންކުރެއްވުމުނެވެ. އެ މައްސަލާގައި މިއަދު ކުރިމިނަލް ކޯޓުގައި އޮތް އިބްތިދާއީ އަޑުއެހުމުގައި އަބްދުއްރަހީމްގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން، މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ނިންމެވީ، ފުލުހުން އެ މައްސަލައިގައި ހެކި ހޯދާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން، އެ މައްސަލާގައި ހިމެނޭ އޯޑިއޯ އަދި ވީޑިއޯ ރިޕޯޓް ހެދުމަށް ސާމްޕަލް ނަގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 48 ވަނަ މާއްދާއާ ހިލާފަށް ކަމަށް ނިންމާފައިވެ އެވެ. އެ މާއްދާގައިވާ ގޮތުން ތަހުގީގު މަރުހަލާގައި ހަނު ހުންނައިރު ނަގާ ސާމްޕަލްތައް ބަލައިނުގަނެވޭނެ އެވެ. އެންމެ މުހިންމު ދެ ހެކި ބަލައިނުގަނެވޭނެ ކަމަށް ނިންމުމާއެކު، ބާކީ ހުރި ހެކިތަކުގެ މައްޗަށް މައްސަލަ މައުޟޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށް ގާޒީ ނިންމެވި އެވެ. ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ކުށަކީ ގާނޫނުލްއުގޫބާތުގައިވާ ގޮތުން ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އިއުތިރާފުވެއްޖެ ނަމަ އަންނާނީ 27 ދުވަހުގެ ޖަލު ހުކުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ