އިންޑިއާގެ 20 ސިޓީއެއްގައި ކާފިއު އިއުލާން ކޮށްފި

ކޮވިޑް 19 އަށް ފައްސިވާ ކޭސްތައް އިތުރުވަމުން ދިޔުމާއި ގުޅިގެން އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ 20 ސިޓީއެއްގައި މިއަދުން ފެށިގެން ކާފިއު އެ ސްޓޭޓްގެ ސަރުކާރުން އިޢުލާން ކޮށްފިއެވެ.
ރޭގަނޑު 08:00ން ފެށިގެން ހެނދުނު 06:00 އާއި ހަމަޔަށް ކޮންމެ ރެއަކުވެސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކާފިއުގެ މުއްދަތު ހަމަވާނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ ކުރިން ވެސް ގުޖުރާތުގެ ހައި ކޯޓުން ވަނީ ކޮވިޑްގެ ޙާލަތު ގޯސްވެ، ކޮންޓްރޯލުން ނެއްޓިދާނެކަމުގެ ބިރުހީވާތީ ކާފިއު ނުވަތަ ދެތިން ދުވަހުގެ ލޮކްޑައުން އަކަށް ދިޔުމަށް ސަރުކާރަށް ލަފާ އަރުވާފައެވެ.
ސަރުކާރުން ވަނީ އާންމު އެއްވުންތަކާއި، ސިޔާސީ އެއްވުންތައް ބޭއްވުން މަނާކޮށްފައެވެ. އަދި މީގެ އިތުރުން ކައިވެނި ހަފްލާތަކަށް ވަދެވޭ މީހުންގެ އަދަދު ވެސް މަދު ކުރުމަށް ވަނީ އަންގާފައެވެ.
ކާފިއު ހިންގަން ނިންމާ އެކަން އިޢުލާން ކޮށްފައިވަނީ ކަމާއިބެހޭ ފަރާތްތަކާއި އެކު ބޭއްވުނު ބައްދަލުވުންތަކަށް ފަހު ޗީފް މިނިސްޓަރު ވިޖޭ ރުޕާނީއެވެ. ޔޫނިއަން ހޯމް މިނިސްޓަރު އަމިތު ވެސް މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ