މައުމޫން، ނަސްރީނާ އަށް: އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ބައްދަލުވާނެ

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން، ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ އިބްރާހިމަށް ވީޑިއޯ ކޯލެއް ކުރައްވައިގެން އުފާވެރިކަމާ އެކު ވާހަކަ ދައްކަވަނިކޮށް ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓްކުރައްވައި އެ މަނިކުފާނުގެ ހާލުކޮޅު ވަރަށް ރަނގަޅު ކަމުގެ މެސެޖު މިރޭ ދެއްވައިފި އެވެ.
މައުމޫން، 82، ކުރެއްވި ޓްވީޓުގައި ވިދާޅުވީ ހޮސްޕިޓަލުގެ މުވައްޒަފުން އެމަނިކުފާނު ވަރަށް ރަނގަޅަށް ބަލަހައްޓަވަމުން އަންނަ ކަމަށެވެ. އައިސޮލޭޝަންގައި، ދުރުގައި ހުންނަވައިގެން ވެސް ވާހަކަފުޅުދެއްކުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް ފާހަގަކުރެއްވި އެވެ.
ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ، މިދިޔަ އަންގާރަ ދުވަހު ހެނދުނު ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަޑައިގެން ކޮވިޑަށް ޓެސްޓު ކުރެއްވިއިރު، މައުމޫންގެ ޓެސްޓުގެ ނަތީޖާ ވަނީ ޕޮޒިޓިވްވެފަ އެވެ. ނަތީޖާ ލިބުމާ އެކު، ހަމަ އެ ރޭ އެމަނިކުފާނު ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް އެޑްމިޓް ކޮށްފައިވެ އެވެ.
ނަސްރީނާ ވެސް ކޮވިޑަށް ޓެސްޓް ކުރެއްވި އެވެ. އެކަމަކު ނަތީޖާ ނެގެޓިވްވިއަސް އެކަމަނާ ހުންނެވީ ހޯމް ކަރަންޓީނުގަ އެވެ.
މައުމޫން ވިދާޅުވީ މާތްﷲގެ ރަހުމަތްފުޅާ އެކު ކޮވިޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ، ތިޔަ ހުރިހާ ބޭފުޅުންނާއި އާއިލާއާ ވަރަށް އަވަހަށް ބައްދުވާނެ،" ވީޑިއޯ ކޯލް ކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓުގައި މައުމޫނު ވިދާޅުވި އެވެ.
Nice talking to you while being away in isolation. I’m well looked after by the wonderful staff here. With the grace of Allah I’m recovering well. Insha Allah I will be with you and family soon. pic.twitter.com/bkixM9Z7SR— Maumoon Abdul Gayoom (@maumoonagayoom) August 31, 2020
އެމަނިކުފާނުގެ ގާތް ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ މައުމޫންއާ ކޮންޓެކްޓްވި އެއްވެސް ބޭފުޅަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ނުވާ ކަމަށެވެ. އެމަނިކުފާނު ވެސް ކޮވިޑަށް ޓެސްޓުކުރެއްވި ފުރަތަމަ ދުވަހު ހުން ހުރިކަމުގައި ވިއަސް ފަހުން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.
"ވަރަށް ރަނގަޅު ރައީސްގެ ހާލުކޮޅު،" އޭނާ ވިދާޅުވި އެވެ.
މައުމޫނާއި ނަސްރީނާގެ އަލަތު ކައިވެންޏަށް މި އަހަރު ވަނީ 51 އަހަރު ފުރިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ