ވަޒީފާ އަށް އަސަރުކުރި 3349 މީހުންނަށް އިނާޔަތް ދީފި

ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް އަސަރުކުރި ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 13.5 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި 3349 މީހުންނަށް 13.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ކޮންމެ މީހަކަށް ވެސް ދިނުމަށް ހަމަޖެހިފައިވަނީ 5،000 ރުފިޔާ އެވެ.
"އިންކަމް ސަޕޯޓު އެލަވަންސް" އެލަަވަންސް ދެނީ ވަކި ހާއްސަ އުސޫލެއްގެ ދަށުންނެވެ. މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހާއި، މޭ މަހާއި އަދި ޖޫން މަހަށެވެ.
ކޮވިޑް19 ގެ ސަބަބުން ވަޒީފާތަކަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން ދޭން ނިންމާފައިވާ އެލަވަންސް ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައިވާ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ އެލަވަންސް ދޭނީ މިއަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހަށް ފަހުން ކޮވިޑް19 ގެ ސަބަބުން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ މިފަދައިން ވަޒީފާތަކަށް އަސަރު ކޮށްފައިވާ މީހުން އެ މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމަށް އެދިފައެވެ.
މި އެލަވަންސް ލިބޭ މީހުންގެ ތެރޭގައި ކޮވިޑް19 ގެ ސަބަބުން މުސާރަ ކުޑަ ކޮށްފައިވާ މީހުންނާއި ނޯޕޭ ލީވް ދީފައިވާ މީހުންނާއި ވަޒީފާއިން ވަކި ކޮށްފައިވާ މީހުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ