ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރެއްގެ މެންބަރަކުން ސައްހަތޯ ބެލުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މިމައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ ގައުމީ ހަރަކާތުގެ އިސް ބޭފުޅެއް ކަމަށްވާ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްބާސް އާދިލް ރިޒާ އެވެ.
ސުޕްރީމް ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެމެންބަރުން ގާނޫނު އަސާސީއާއި ހިލާފަށް އަމަލުކޮށްފައިވާތީ މެމްބަރުކަމުން ވަކިވެއްޖެ ކަމަށް ކަނޑައެޅުމަށް ކަމަށާއި 11 މެމްބަރުން ވަކިވެއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ހުށަހެޅީ އެކަމަށް ބޭނުންވާ ސާބިތު ހެކި ވެސް ލިބިފައިވާތީ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި 11 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައި ވަނީ ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުންނެވެ.
ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގެ ގައިގައި ހަމަވޭތޯ ނުވަތަ މެންބަރުން މަގާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާމެދު ހިލާފެއް އުފެދިއްޖެނަމަ އެ މައްސަލައެއް ބަލައި، ގޮތެއް ކަނޑައަޅާނީ ސްޕްރީމް ކޯޓުނެވެ.
ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީއަށް ވެސް ނިސްބަތްވެވަޑައިގަންނަވާ އައްބާސް ވިދާޅުވީ 17 މެމްބަރެއްގެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ކުރިން ގައުމީ ހަރަކާތުން ބުނި ކަމުގައިވިޔަސް ގާނޫނީ ވަކީލުންގެ ޓީމުން އެއަދަދު 11 އަށް ދަށްކޮށްފައިވަނީ ސާބިތު ހެކި ލިބިފައިވަނީ މިހާތަނަށް 11 މެމްބަރުންގެ މައްޗަށް ކަމަށްވާތީ ކަމަށެވެ.
މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅީ ކޮން 11 މެންބަރުންނެއްތޯ އެހުމުން އެއީ ކޮން މެމްބަރުންނެއްކަން އައްބާސް ވިދާޅެއް ނުވެ އެވެ.
މަޖިލީހުގެ އެމްޑީޕީ 11 މެންބަރެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ