އެމްޑީއެންއާ މެދު ފިޔަވަޅު ނާޅާކަމަށް ބުނެ އަޑު އުފުލަނީ، ހަގީގަތުގައި އެ ވާހަކަ އޮއްބާލަން ވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެ ޕާޓީއަށް އަލަށް ގުޅުނު މީހުން ސޮއިކޮށް، ފޯމު ހަވާލު ކުރުމަށް މ. ކުނޫޒުގައި ރޭ ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީއެންއާ މެދު ފިޔަވަޅު ނާޅާކަމަށް ބުނެ އަޑު އުފުލަނީ، ހަގީގަތުގައި އެ ވާހަކަ އޮއްބާލަން ވެގެން ކަމަށެވެ. އެހެން ނަމަވެސް، "ބެރު ޖެހިޔަސް، ތަބުލާ ޖެހިޔަސް" ސަރުކާރުން އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެމްޑީއެން އާއި މެދު ފިޔަވަޅު އެޅުން ލަސްވަނީ، އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން އެކަން ކުރަން ވެގެން ކަމަށެވެ. ގާސިމް ވިދާޅުވީ އެމްޑީއެންއަށާއި ރިޕޯޓު ނެރުނު މީހުންނަށް ފިޔަވަޅު އެޅުން ކުޑަތަންކޮޅެއް ލަސްވި ނަމަވެސް ސަރުކާރުން އެކަން ކުރާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި އެކަން ކުރާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފާފުޅާއި އިރުޝާދާއެކުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ އަމިއްލަ ޖަމިއްޔާއަކުން އެހެން ޝާއިއު ކުރާ ލިޔުމަކުން، ރާއްޖޭގައި އޮތް އިސްލާމް ދީން ނައްތާލެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ ކަންކަން ކުރާ މީހުންގެ މަގްސަދަކީ، ޤައުމުގެ އެއްބައިވަންތަކަމާއި، އަމަން އަމާންކަން ނަގާލުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. މީގެ އިތުރުން، އެމްޑީއެންއާ މެދު ރައީސް "ސަހަރޯ" ވެގެން ނޫޅުއްވާ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
"ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި، މި ރިޕޯޓް ނެރުނު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށްވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
އެމްޑީއެންއާ މެދު ފިޔަވަޅު ނާޅާ ކަމަށް ބުނަނީ އެވާހަކަ އޮއްބާލަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ