އަބްދުﷲ ގާޒީގެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަށް އެމްޑީޕީން މުހުލަތެއްދީފި

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ މައްސަލައިގައި ހައިކޯޓުން ނިންމާވާފައިވާ އަމުރާ ގުޅިގެން އަވަސް ނިންމުމެއް 48 ގަޑިއިރު ތެރޭގައި ނިންމަން ޖެހޭނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަލްހާނު ފަހުމީ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސެއިންއާ ބައްދަލު ކުރައްވައި އަބްދުﷲ ގާޒީއާ ބެހޭ ދެ މައްސަލައެއް ހުށަހެޅުމަށް ފަހު ސުޕްރީމް ކޯޓުދޮށުގައި ހުންނަވައި ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާނު ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ ފަރާތުން ދެއްވެން އޮތް އެއްބާރުލުމެއް ދެއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކުރައްވައިފި ނަމަ ސުޕްރީމް ކޯޓަށް އެ މައްސަލަތައް ބެލުމަށް ޕްރެޝަރު ކުރާނެ ކަމަށެވެ.
''އަޅުގަނޑުމެން އުއްތަމަ ފަނޑިޔާރު އެ ދެއްކެވި ވާހަކަފުޅަށް އިހްތިރާމް ކުރަން. އަދި އެމަނިކުފާނު އެ ވިދާޅުވި ގޮތަށް ޕޮޒިޓިވް ނަތީޖާތަކެއް މަދުވެގެން 48 ގަޑި އިރު ތެރޭގައި ދައްކަވާނެ ކަމަށް، ]އުންމީދުކުރަން[. ދެން އެގޮތަށް ނުދާ ކަމަށްވާ ނަމަ ދެން އަޅުގަނޑުމެން ޖެހޭނެ ރައްޔިތުންގެ ފަރާތުން އުފުލާ އަޑެއް އުފުލައި ކުރަން ޖެހޭ ޕްރެޝަރެއް ކުރަން.'' އަލްހާނު ވިދާޅުވި އެވެ.
އަލްހާނު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަނުން އަބްދުﷲ ގާޒީ އާ މެދު ފިޔަވަޅު އެޅުން ފަސްކުރުމަށް ކުރިމިނަލް ކޯޓުން ނިންމާފައިވާ މައްސަލައިގައި ގޮތެއް ނިންމަވައި ދިނުމަށް ހުށަހެޅުއްވުމުން މައްސަލައިގައި ހައިކޯޓުން ނިންމަވާފައި ވަނީ ކިހިނެއްތޯ ބެއްލެވުމަށް ސުޕްރީމް ކޯޓުގެ ބެންޗަށް ހުށަހަޅުއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ކަމަށެވެ.
''މި ވޭތުވެ ދިޔަ ދުވަސްތަކުގައި ރޭގަނޑު ހޭލާ ތިބިގެންވެސް އާދަޔާ ހިލާފް ބާރަށް މަސައްކަތްތައް ކޮށްފައިވާކަން އަޅުގަނޑު ފާހަގަ ކުރިން.... އުއްތަމަ ފަނޑިޔާރު ވިދާޅުވި މި މައްސަލައާ ]އަބްދުﷲ ގާޒީ ގުޅޭ[ ގުޅޭ ގޮތުން މިރޭ ނަމަވެސް އަވަސް ގޮތެއްގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންނާ ބައްދަލު ކުރައްވައި ގޮތެއް ނިންމަވާ ދެއްވުމަށް ޓަކައި އެޅުއްވެން އޮތް ފިވަޅެއް އަޅުއްވާނެ ކަމަށް.'' އަލްހާނު ވިދާޅުވި އެވެ.
އަދި އެގޮތަށް އަމަލު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އަލްހާނު ވިދާޅުވި އެވެ.
"ސަޅީސް އަށް ގަޑި އިރު ތެރޭގައި އަވަސް ނިނިމުމެއް ނިންމަވައި ދެއްވަން ޖެހޭނެ،'' އަލްހާނު ވިދާޅުވި އެވެ.
އަދި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ފުލުސް އޮފީހަށް ހާޒިރުކުރުމަށް ފުލުހުން ފޮނުވާފައިވާ ޗިޓަށް އަމަލު ކުރުން ފަސް ކުރުމަށް ކޮށްފައިވާ އަމުރު އިސްތިއުނާފް ކުރެއްވޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުމުން އަވަސް ގޮތެއްގައި ގާނޫނީ ހަމަތަކާ އެއްގޮތަށް އަވަސް ގޮތަކަށް ނިންމަވައި ދެއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށް އަލްހާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ