ދިވެހިންގެ އެހީއާއިއެކު ޣައްޒާގައި ބައެއް ރައްޔިތުން ގެތަކުގައި ދިރިއުޅެން ފަށައިފި

މިދިޔަ އަހަރުގެ މެދުތެރޭގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަރައި ހިންގި ގަތުލުއާންމާއި ގުޅިގެން ހާލުގައި ޖެހުނު ޣައްޒާ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ރާއްޖޭގައި ހުޅުވި ފަންޑުން ލިބުނު ފައިސާގެ އެހީގައި އެޅި ހައުސިންގ ޔުނިޓުތަކުގައި ޣައްޒާ ރައްޔިތުން ދިރިއުޅެން ފަށައިފިއެވެ.
މި ހައުސިންގ ޔުނިޓްތަކުގައި ފަލަސްތީނު ރައްޔިތުން ދިރިއުޅެން ފަށާފައިވަނީ އެކަމަށްޓަކައި ޣައްޒާގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތަށްފަހުގައިއެވެ.
ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށްޓަކައި “ޣައްޒާ ފަންޑު މޯލްޑިވްސް” ނަމުގައި ހުޅުވި ފަންޑަށް 1.9 މިލިއަން ޑޮލަރު ލިބިފައިވާއިރު، މި ފައިސާގެ އެހީ ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމާ ހަވާލުވެފައިވަނީ ގަތަރު ރެޑްކްރޮސެންޓުންނެވެ.
ޣައްޒާ ރައްޔިތުންނަށް ބިނާކޮށްދިން މި ގެތަކުގައި ސިޓިންގ ރޫމް، ބަދިގެ، ފާޙަނާ ފަދަ ތަންތަން ގާއިމުކޮށްފައިވެއެވެ. 100 އާއިލާއަކަށް ބޯ ހިޔާވަހިކަން ފޯރުކޮށްދިނުމުގެ އަޒުމުގައި ބިނާކުރި މި ގެތަކުގައި ފަރުނީޗަރާއި ހިފައި ގެންގުޅޭ ސާމާނު ވެސް ހުންނަކަން ފާހަގަކޮށްލެވެއެވެ.
100 ހައުސިން ޔުނިޓްތައް މީހުންނާ ހަވާލުކޮށްފައިވަނީ ބައިތު ހަނޫނުގެ މުނިސިޕަލްޓީއާއި މިނިސްޓްރީ އޮފް ހައުސިންގ އާއި ގުޅިގެންނެވެ. މި ހައުސިންގ ޔުނިޓްތައް އަޅާފައިވަނީ އިސްރާއީލު ސިފައިން އެންމެ ބޮޑަށް ގެއްލުން ދިން އެއް އަވަށް ކަމުގައިވާ ބައިތު ހަނޫންގައިއެވެ.
”މޯލްޑިވްސް ޝެލްޓާ ސެންޓާ” ގެ ނަމުގައި ބިނާ ކުރާ ތަނުގައި ހިމެނޭ ހައުސިން ޔުނިޓްތަކުން 700 މީހަކަށް ބޯހިޔާވަހިކަން ލިބޭނެއެވެ.
ރާއްޖެއިން ދިން ފައިސާގެ އެހީގައި 100 އާއިލާއަކަށް ބޯ ހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު، ބޭސްފަރުވާއަށް ބޭނުންވާ ތަކެއްޗާއި، ސާފު ބޯފެން ވެސް މިހާރު ވަނީ ފޯރުކޮށްދީފައެވެ.
މި ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ރައްޔިތުން ބުނީ އެ ޔުނިޓްތަކުގައި ދިރިއުޅެވޭތީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާ ކަމަށާއި އަދި މިއީ ރައްކާތެރި ތަންތަން ކަމުގައިވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި އެންމެ ބޮޑަށް ބޭނުންވަނީ އެމީހުންގެ ކުރީގެ ދިރިއުޅުމަށް ބަދަލުވާން ކަމަށާއި އެގޮތުން ސުންނާފަތިވެފައިވާ ގެތައް އަލުން ބިނާކޮށްދިނުމުގައި ބޭރުގެ ފަރާތްތަކުގެ އެހީ ބޭނުންވާ ކަމަށް ވެސް އެމީހުން ބުނެއެވެ.
އިސްރާއީލް ސިފައިން ޣައްޒާއަށް އަރައި ހިންގި އުދުވާނުގެ ސަބަބުން ފަލަސްތީނުގެ 2100 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެ 11،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. 50 ދުވަސް ވަންދެން ހިންގި އުދުވާނުގެ ސަބަބުން އެއްލައްކަ ގެއަށް ގެއްލުން ލިބި ގިނަ ގެތަކެއް ވަނީ ސުންނާފަަތިކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ