އެމެރިކާ ރައްޔިތުން އިރާގަށް އެރުން މަނާކުރުމަށް ސަރުކާރަށް ގޮވާލައި އިރާގުގެ ޕާލަމެންޓުން ގަރާރެއް ފާސްކޮށްފިއެވެ.
މިއީ، އިރާގުގެ ރައްޔިތުން އެމެރިކާއަށް އެރުން މަނާކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރާ ގުޅިގެން ރައްދުގައި އެޅި ފިޔަވަޅެކެވެ.
އިރާގުގެ ޕާލަމެންޓުން ސަރުކާރަށް ގޮވާލާފައިވަނީ އެމެރިކާގެ ރައީސް އެޅުއްވި ފިޔަވަޅު އަނބުރާ ނުގެންދަވާހާ ހިނދަކު، ބަދަލުގައި އިރާގުން "ބާޓާ" އުސޫލުން އަމަލުކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށެވެ.
"އެމެރިކާއިން އެޅި ފިޔަވަޅުފަދަ ފިޔަވަޅެއް ރައްދުގައި އެޅުމަށް އިރާގު ސަރުކާރަށާއި، އިރާގުގެ ޚާރިޖިއްޔާއަށް ގޮވާލައި ޕާލަމެންޓުގެ އަޣުލަބިއްޔަތުން ފާސްކޮށްފި" އިރާގު ޕާލަމެންޓް މެމްބަރެއް ކަމަށްވާ ހާކިމް އަލް ޒަމީލީ ވިދާޅުވިއެވެ.
"އެމެރިކާގެ އާ ސަރުކާރުން އިރާގާ ދެކޮޅަށް އެޅި މިފިޔަވަޅާ އަޅުގަނޑުމެން ދެކޮޅު. އުންމީދުކުރަން އެމެރިކާގެ ނިންމުމާމެދު ސަރުކާރުން އަލުން ވިސްނާނެ ކަމަށް" އިރާގު ޕާލަމެންޓްގެ އެހެން މެމްބަރެއް ކަމަށްވާ ސާދިގް އަލް ލަބާން ވިދާޅުވިއެވެ.
އެމެރިކާ ރައްޔިތުން އިރާގަށް އެރުން ސަރުކާރުން މަނާކޮށްފިނަމަ އެމެރިކާއަށް އެކަން ވަރަށްބޮޑު މައްސަލައަކަށް ވާނެއެވެ. ސަބަބަކީ އަލްގައިދާއާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ވަރުގަދަ ހަނގުރާމައިގައި އިރާގަކީ މުހިންމު ބައިވެރިއަކަށް ވުމެވެ. އެމެރިކާ އެތައްހާސް ސިފައިންގެ ފައުޖެއް މިހާރުވެސް އިރާގުގައި އެބައޮތެވެ.
އިރާގުވެސް ހިމެނޭގޮތުން، އީރާން، ސޫރިޔާ، ސޫދާން، ސޯމާލިއާ، ލީބިޔާ އަދި ޔަމަނުގެ ރައްޔިތުންނަށް އެމެރިކާއަށް އެރުމުގެ ވިސާ 90 ދުވަސް ވާންދެން ނުދިނުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ނެރުއްވި ގަރާރަށް މިހާރުވަނީ އަމަލު ކުރާން ފަށާގައެވެ. މިއީ "އިސްލާމީ ހަރުކަށި ޓެރަރިސްޓުންގެ" ކިބައިން އެމެރިކާ ރައްކާތެރި ކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ޓްރަމްޕް ގަރާރުގައި ސޮއިކުރެއްވުމާއެކު އެމެރިކާއަށް ދަތުރުކުރި ރެފިއުޖީންނާއި، އެނޫން އެތައްބަޔަކު އެމެރިކާގެ އެއަރޕޯޓްތަކުން ހައްޔަރުކޮށްފައި ވެސް ވެއެވެ. އޭގެ ތެރޭގައި އިރާގުގެ ރައްޔިތުންވެސް ހިމެނެއެވެ.
މިމައްސަލާގައި މުޅި ދުނިޔޭގެ ނުރުހުން އެމެރިކާ ސަރުކާރަށް އަމާޒުވެފައި ވާއިރު، މިއީ ޚާއްސަކޮށް މުސްލިމުން އެމެރިކާއަށް އެރިޔަނުދޭން ޓްރަމްޕް ނިންމެވި މުސްލިމުންނާ ދެކޮޅު ނިންމެވުމެއް ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. އެކަމަކު ޓްރަމްޕް ގެންދަވަނީ އެވާހަކަތަކާ ދެކޮޅު ހައްދަވަމުންނެވެ.
ރެފިއުޖީންނާއި، މުސްލިމް 7 ގައުމެއްގެ މީހުން އެމެރިކާއަށް އެރުން މަނާކުރުމާ ގުޅިގެން މުޅި އެމެރިކާގައި އެކަމާ ދެކޮޅަށް އިހުތިޖާޖުތައް ކުރަމުންދާއިރު، ޓްރަމްޕް ނެރުއްވި ގަރާރުގެ ބައެއް އެމެރިކާގެ ކޯޓަކުންވަނީ ހިފަހައްޓާފައެވެ.
އދގެ އިންސާނީ ހައްގުތަކާބެހޭ ވެރިޔާވެސް ވިދާޅުވެފައިވަނީ، ޓްރަމްޕްގެ ނިންމެވުމަކީ ޣައިރުގާނޫނީ ނިންމެވުމެއް ކަމަށެވެ. އެނިންމެވުން ބަދަލު ކުރެއްވުމަށް އދއިންވެސް ވަނީ ޓްރަމްޕަށް ގޮވާލާފައެވެ.
އދގެ އިންސާނީ ހައްގުތަކާބެހޭ ވެރިޔާ ޒައިދު ބިން ރައާދު ޒައިދު އަލް ހުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ވަކި ގައުމަކަށް ނިސްބަތްވީތީ ތަފާތުކުރުމަކީ ބައިނަލްއަގްވާމީ އިންސާނީހައްގުތަކާބެހޭ ގާނޫނު މަނާކުރާ ކަމެއް ކަމަށެވެ.
އެމެރިކާ ރައްޔިތުން އިރާގަށް އެރުން މަނާކުރުމަށް ޕާލަމެންޓުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ